ޚަބަރު

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް ޢިމާދު އައްޔަންކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވައިފި


މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަހްމަދު އިމާދު އައްޔަންކުރައްވަން ރުހުންދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަހްމަދު އިމާދު އައްޔަންކުރައްވަން ރުހުންދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ. އޭނާއަށް ރުހުން ދެއްވަން ފެންނަކަމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓާއެކުގައެވެ.

އިމާދު އެމަޤާމަށް އައްޔަންކުރައްވަން ފެންނަކަމަށް ފާސްވީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.

މަރުކަޒީ ބޭންކުގައި އެމްއެމްއޭގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އިމާދަކީ ވޭތުވެދިޔަ 16 ވަރަކަށް އަހަރުގެ ތެރޭގައިވެސް މަނިޓަރީ ޕޮލިސީ ދާއިރާގައި މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އަދި އެމްއެމްއޭގެ ފަރާތުން ކެޕިޓަލް މާކެޓިން ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭގެ ބޯޑު މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އޭނާ ވަނީ 2 ދައުރު އެމަޤާމު ފުރުއްވާފައެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އައްޔަންކުރައްވަން ފޮނުއްވި އިމާދު ވަނީ، އިނގިރޭސިވިލާތުން އިކޮނޮމިކްސް އަދި ފައިނޭންސް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި މެލޭޝިއާއިންވެސް އޭނާ ވަނީ ހަަމަ އެ ދާއިރާތަކުން މަތީ ތަޢުލީމް ހާސިލުކުރައްވާފައެވެ.