ޚަބަރު

ޢަބްދުއްރަހީމްގެ ދެކަނބަލުން 9 މިލިއަން ރުފިޔާއަށް ފްލެޓް ގަތް މައްސަލަ އޭސީސީން އަލުން ބަލަން ނިންމައިފި


ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲގެ ދެކަނބަލުން 9 މިލިއަން ރުފިޔާ އަށް ދެ ފްލެޓް ބަައްލަވައިގެން މައްސަލަ އޭސީސީން އަލުން ބަލަން ނިންމައިފިއެވެ.

އޭސީސީން ވިދާޅުވީ މިމައްސަލަ އަލުން ހުޅުވަން ނިންމާފައިވަނީ މިމައްސަލަ ނިންމާފައިވާ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުންކަމަށެވެ. އަދި މިހާރު މިމައްސަލަ އަލުން ހުޅުވައި އޭސީސީން ތަހުޤީޤް ކުރަން ނިންމާފައިވާކަމަށެވެ. މިމައްސަލައަކީ 2018 ވަނަ އަހަރު އޭސީސީގެ ކުރީގެ މެންބަރުން މައްސަލައެއް ނެތްކަމަށް ނިންމާފައިވާ މައްސަލައެކެވެ. ނަމަވެސް މިހާރު ތިބި ކޮމިޝަންގެ މެމްބަރުން ކޮމިޝަނާއި ހަވާލުވުމަށްފަހު އޭސީސީގައި ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ސުވާލު އުފެދޭ ގޮތަށް ނިންމާފައިވާ ބައެއް މައްސަލައް އަލުން ހުޅުވައިގެން ދަނީ ބަލަމުންނެވެ.

އެފްޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކޮށްފައިވާ ރެހެންދި-6 އިން ޢަބްދުއްރަހީމާއި އަނބިކަނބަލުން ބައްލަވައިގެންނެވި، ފެންވަރު މަތީ ފްލެޓެއްގެ އަގު އުޅެނީ 4.5 މިލިއަން ރުފިޔާގައެވެ. ދެ ބޭފުޅުންގެ ނަމުގައި ފްލެޓްތައް ރަޖިސްޓްރީކުރަން ފޮނުވާފައިވާ ސިޓީގައިވާ ގޮތުން ދެ ފްލެޓަށް އެއްކޮށް ފައިސާ ދައްކާ ވަނީ ހަލާސްކޮށްފައެވެ.

އޭސީސީން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ސުވާލު އުފެދޭ ގޮތަށް ނިންމާފައިވާ މައްސަލަތަކާއި، ފައިލްކޮށްފައިވާ ބައެއް މައްސަލަތައް އަލުން ހުޅުވައިގެން ބެލުމަށް އޭސީސީން ވަނީ ނިންމާފައެވެ. އެގޮތުން އެސްޓީއޯ މެދުވެރިކޮށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގައި އެޓަރނީ ޖެނެރަލްގެ އޮފީހުން 66 ފޮށީގެ ލިޔެކިޔުން ލިބިފައިވާއިރު، މައްސަލައިގައި އެކަށީގެންވާ ލިޔުންނެތްކަމަށް ބުނެ މައްސަލަ ފައިލްކުރި ސަބަބާއިމެދު ސުވާލު އުފެދޭތީ އެމައްސަލަވެސް ވަނީ އަލުން ހުޅުވައިގެން ބަލަން ފަށާފައެވެ.