ޚަބަރު

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް މަޤާމުން އެކަހެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި


އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މަޤާމުން އެކަހެރިވެ ވަޑައިގެންނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އަމިއްލަ ދަތުރުފުޅެއްގައި މިވަގުތު އިގިރޭސި ވިލާތުގައި ހުންނެވި މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވީ އެމް.ޑީ.ޕީ ގެ ސްލޮޓެއްގައި މިވަގުތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ޙަވާލުވެވަޑައިގަތް ހުންނެވި މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާޢިލް މަޤާމުގެ މަސްޢޫލިއްޔަތުން އެކަހެރިވެލެއްވުމަށް ފެންނަކަމަށް ދަންނަވަނީ އެމް.ޑީ.ޕީ ގެ ރައީސްގެ ނަޒަރުން ދެކޭއިރު ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައިކަމަށެވެ.

"މިހާރުގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ ޢަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީކަމެއް ނޫނެވެ. ޕާޓީ އިން އަޅުގަނޑާއި ޙަވާލުވެފައިވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރަކުންދެކޭނަމަ، މިނިސްޓަރ ފައްޔާޒު އަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަރ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ." ރައީސް ނަޝީދުގެ ސިޓީގައި ވެއެވެ.

މި ސިޓީގައި އެމް.ޑީ.ޕީ އަކީ އަބަދުވެސް ސާފު ޕާޓީއެއްގެ ގޮތުގައި ވަރަށް ގިނަބަޔަކުދެކޭ ޕާޓީއެކަމަށްވާއިރު، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައިހާ މީހުން ތާއީދުކޮށް ވޯޓުދޭ ޕާޓީއެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އެމް.ޑީ.ޕީ ގެ އެންމެ ފުރަތަމަ ކުރި ވެރިކަން ނިމިދިޔައިރުވެސް ޕާޓީގެ އެންމެ ސާފު އެއް ސިފައަކީ، ޕާޓީގެ މަޤާމުތައް ފުރުއްވާ ބޭފުޅުންގެ ކޮރަޕްޝަންގެ ޢަމަލުތައް މަދުވުންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމް.ޑީ.ޕީ ގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ބަދަލުކޮށް، ވޭތުވެ ދިޔަ 7 އަހަރު ތެރޭގަވެސް ޕާޓީއަށް ނިސްބަތްކޮށް އެންމެ ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަކަމުގައިވެސް މިސިޓީގައި ވެއެވެ.

މިނިސްޓަރ ފައްޔާޒް މަޤާމުން އެކަހުރިވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައި ވާއިރު، މިނިސްޓަރ ފައްޔާޒް ވިދާޅުވެފައި ވަނީ އެމަނިކުފާނު މަސައްކަތުން އެކަހެރިވެ އިސްތިއުފާ ދެއްވަންޖެހޭ ވަރުގެ ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ. އަދި މިހާތަނަށް ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގައި އެފަދަ ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާކަމުގެ ޔަގީންކަންވެސް މިނިސްޓަރ ފައްޔާޒް ވަނީ ދެއްވާފައެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މީގެ ދުވަކޮޅެއް ކުރިން ކުރެވިޔަ މަސައްކަތްތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓރަ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ފައްޔާޒް އިސްމާއިލްއަކީ މިސަރުކާރުގެ ވައުދުތައް ފުއްދުމުގަޔާއި، ތަންފީޒީ މަރުހަލާގައިވެސް އެންމެބުރަކޮށް މަސައްކަތް ކުރައްވާ އެއްވަޒީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ކޯވިޑް19ގެ ހާލަތުގައިވެސް ދިމާވި މައްސަލަތައް ހައްލުކޮށް ދެއްވުމުގައި މިނިސްޓަރ ފައްޔާޒު ވަރަށްބުރަކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.