ޚަބަރު

ޗައިނާގެ ޝަންހާއީ ގްރޫޕުން ރާއްޖެއަށް އެހީތެތަކެތި ފޯރުކޮށްދީފި


ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ރާއްޖެއަށް ހަދިޔާކުރި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އަދި މެޑިކަލް ސަޕްލައިސްއާ ދިވެހި ސަރުކާރުން ހަވާލުވެއްޖެއެވެ.

މިތަކެއްޗާ ޙަވާލުވުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. ޕީޕީއީ ހަވާލުކޮށްދެއްވީ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ޕްރޮޖެކްޓް މެނޭޖަރ ލީ ހުއާން ބިން އާއި، ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޝީ ވަންޗުންއެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްވެސް ބައިވެރިވެވަޑައިގަތެވެ.

ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ވިހި ހާސް މެޑިކަލް މާސްކް، ދިހަ ހާސް މެޑިކަލް ގްލަވްސް އަދި 500 ޕީޕީއީ އެވެ. މިއަދު ޗައިނާ ކުންފުނިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19އާ ދެކޮޅަށް ފްރަންޓްލައިންގައި ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަމަށެވެ. އަދި ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކޮވިޑް-19އިން އަރައިގަތުމަށާއި، ކޯވިޑް-19ގެ ސަބަބުން ދެ ގައުމުގެ އިތުރުން މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ޗައިނާއާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ކޯވިޑް-19 އާ ކުރިމަތިލާފައިވާ މި ދުވަސްވަރު ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށްޓަކައި ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕަށާއި، ޗައިނާ ސަރުކާރަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.