ޚަބަރު

ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކުރެއްވުމާ ގުޅޭގޮތުން ނާއިބް ރައީސް މަޝްވަރާ ކުރައްވައިފި


ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކުރެއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީއަށް އަލަށް ގުޅިވަޑައިގެންނެވި ސިވިލް ސަރވިސް ކޮމިޝަނުގެ އައު މެންބަރުންނާއި އެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ނާއިބް ރައީސް ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި 4 މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ނާއިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސަރވިސްގެ މުވައްޒަފުންކަން ފާހަގަކުރައްވައި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސިވިލް ސަރވިސްގައި ހުރި ޙައްލު ހޯދަންޖެހޭ ކަންކަމަށް ވީހާވެސް ކުރުމުއްދަތެއްގެ ތެރޭގައި ޙައްލު ހޯއްދަވައި މުޅި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ކިބައިން ނާއިބް ރައީސް ވަނީ އެދިވަޑައި ގަންނަވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ބާކީނުވާނެގޮތަށް ސިވިލް ސަރވިސް ތެރޭން ކަންކަން ބައްޓަން ކޮށްދެއްވުމަށާއި އެފަދަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ވަނީ ސިވިލް ސަރވިސްގެ ކަންކަން ކުރިމަގުގައި ބައްޓަންކުރުމުގައި އެބޭފުޅުންގެ ވިސްނުންފުޅު ހުރިގޮތްތައް ޙިއްޞާކުރައްވާފައެވެ. އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީގައި ސަރުކާރުގެ ފަރާތުން ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ސިވިލސް ސަރވިސްގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން އެބޭފުޅުންގެ ޚިޔާލުފުޅު ނާއިބް ރައީސާއި ޙިއްޞާކުރައްވައި މަޝްވަރާކުރައްވާފައެވެ.