ދުނިޔޭގެ ވިޔަފާރި

ތޯމަސްކުކް އަނެއްކާވެސް ވިޔަފާރިއަށް!


ފަތުރުވެރިންނަށް ބޭނުންވާ އެކި ޚިދުމަތްދޭ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ޓުއަރ އޮޕަރޭޓަރުގެ ގޮތުގައި ހަރަކާތްތެރިވި އިނގިރޭސިވިލާތުގެ މަޝްހޫރު ކުންފުނި، ތޯމަސް ކުކް ބަނގުރޫޓު ވެގެންދިޔަ ޚަބަރު އިވިގެންދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. 1841 ވަނަ އަހަރު ޤާއިމުވެގެންދިޔަ ތޯމަސް ކުކް ބަނގުރޫޓްވެގެންދިޔައީ އެކުންފުނީގެ 2.1 ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރާނެ އެއްވެސް ގޮތެއް ނެތުމުންނެވެ. އެކުންފުނީގެ ފްލައިޓްތަކާއި ޓުއަރ ޕެކޭޖްތަކާއި ހޮޓާތައް ހަމަޖައްސައިދިނުމުގެ ވިޔަފާރިތައް އެކުންފުނިން އެއްކޮށް ހުއްޓާލިއެވެ. އަދި ތޯމަސް ކުކްގެ ނަން ފަތުރުވެރިކަމުގެ ސިނާއަތުން ގެއްލުނެވެ.

ނަމަވެސް ތޯމަސް ކުކްގެ އެނބުރި އައުން މާ ލަހެއް ނުވިއެވެ. ތޯމަސް ކުކް ބަނގުރޫޓްވެގެންދިޔައިރު އެކުންފުނީގެ ބޮޑު ހިއްސާއެއް އޮތް ޗައިނާގެ ފޮސަން ކުންފުނިން މިވަނީ ތޯމަސް ކުކް އަނެއްކާވެސް ކޮޅަށް ޖެހުމުގެ މަސައްކަތް ފަށާފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފޮސަން ކުންފުންޏަކީ މަޝްހޫރު ކްލަބް މެޑްގެވެސް ބެލެނިވެރި ކުންފުންޏެވެ. ތޯމަސް ކުކް ބަނގުރޫޓްވިތާ އަހަރެއްފަހުން އަނެއްކާވެސް އެކުންފުނި މިވަނީ އޮންލައިން ޓްރެވަލް އެޖެންސީއެއްގެ ގޮތުގައި އިނގިރޭސިވިލާތާއި ޗައިނާގައި ލޯންޗުކޮށްފައެވެ. ޖުލައިމަހު ތޯމަސް ކުކްގެ ވިޔަފާރި ޗައިނާގައި އަލުން ފެށިއިރު، އިނގިރޭސިވިލާތުގައި މިދިޔަ ހަފްތާގައި ވަނީ އެކުންފުނީގެ ވިޔަފާރިތައް އަލުން ފަށާފައެވެ.

ތޯމަސްކުކްގެ ޗެއަރމަން ޖިމް ކިއާން ވިދާޅުވީ ޗައިނާގައި ތޯމަސް ކުކް ލޯންޗުކޮށްފައިވަނީ ޓްރެވަލް އެޖެންސީއަކަށްވުރެ ވިޔަފާރި ފުޅާކޮށްކަމަށެވެ. އެގޮތުން ލައިފްސްޓައިލްއާ ގުޅުންހުރި ގިނަ ޚިދުމަތްތަކެއް އެކުންފުނިން ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހޮޓާ ބުކިންތަކާއި މުނިފޫހިފިލުވުމާއި ތައުލީމާއި ގުޅުންހުރި މަސައްކަތްތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ޖިމް ވިދާޅުވީ ތޯމަސްކުކް އިނގިރޭސިވިލާތުގައި ލޯންޗުކޮށްފައިވާއިރު، މިހާރު ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރަންޖެހޭ މަސައްކަތްތަށްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިނގިރޭސިވިލާތުގައި ހިންގާ ވިޔަފާރި ފުޅާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑްގެ ސަބަބުން އިނގިރޭސިވިލާތުގައި ތޯމަސްކުކްއަށް މިވަގުތު މާބޮޑު މަސައްކަތްތަކެއް ނުކުރެވުނަސް، ޗައިނާގައި ފަތުރުވެރިކަން އަނެއްކާވެސް ބާރަށް ފަށައިގެން ކުރިއަށްދާތީ އެކަމުގެ ސަބަބުން ފައިދާތަކެއް އެކުންފުންޏަށް ކުރާނެއެވެ. އަދި ފޯސަންގެ ދަށުން ހިންގާ ކްލަބް މެޑްގެ ހޮޓާތަކާއި ރިސޯޓްތައް އަލުން ހުޅުވަމުންދާއިރު، އިތުރު ރިސޯޓްތައްވެސް އެކުންފުނިން ދަނީ ތަރައްޤީކުރަމުންނެވެ.