ވިޔަފާރި

ޖޫންމަހު ގްރީން ފަންޑުން 41 މިލިއަން ރުފިޔާ ޚަރަދުކޮށްފި


މިއަހަރުގެ ޖޫންމަހު ގްރީން ފަންޑުން 41 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ ގްރީންގެ ފަންޑުގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހު 26 މަޝްރޫއަކަށް ގްރީން ފަންޑުން ވަނީ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

ޖޫން މަހު އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ކ.ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއަށެެވެ. އެ މަޝްރޫޢަށް ޖޫންމަހުވަނީ 16 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ދެން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ކ.ތިލަފުށިގައި އިންސިނެރޭޓަރ ބެހެއްޓުމުގެ މަސައްކަތަށެވެ. މި މަސައްކަތަށް 4.8 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.9 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 56.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 93.08 އިންސައްތަ މަދު އަދަދެކެވެ.

ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައިވަނީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިން ގެނައުން ހުއްޓާލުމާ ގުޅިގެނެވެ. 110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އަނެއްކާވެސް މިހާރު މިދަނީ މަޑުމަޑުން އިތުރުވަމުންނެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސް، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.