ޚަބަރު

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އެމްޑީޕީގެ މެމްބަރުންގެ ޚިޔާލަށް ހުޅުވާލައިފި


ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެނައުމަށް ހުށަހަޅާ އިސްލާހުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހުތަކާއި ގުޅޭގޮތުން އާންމުންގެ ޚިލާޔަށް ހުޅުވާލުމާއި ގުޅިގެން އެމްޑީޕީން އާންމު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާ އިސްލާހުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 27 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންނަށް ހުޅުވާލާފައިވާކަމަށެވެ. އެމްޑީޕީގެ މެމްބަރުންގެ ޚިޔާލުތައް އެޕާޓީގެ އޮފީހަށް މެއިލް ކުރުމަށް ވަނީ ދަންނަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޕާޓީތައް ސަސްޕެންޑު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ މައި ދަފްތަރަކީ އީސީން ބަލަހައްޓާ ދަފްތަރު ކަމަށް ހަމަޖެއްސުމާއި، ޕާޓީތަކުގެ ކޮމިޓީ އާއި ކައުންސިލްގެ މަގާމުތަކުގައި މަދުވެގެން 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރުން ހިމެނެއެވެ.

އަދި ސިޔާސީ ޕާޓީތަކުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ފެބުރުއަރީ 28 ގެ ކުރިން ހުށައަޅަން ޖެހޭ ގޮތަށާއި، ސިޔާސީ ޕާޓީތަކަށް 31 މާރޗްގެ ކުރިން ފައިސާ ދޫކުރުން ހިމެނެއެވެ. ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އަކީ ދައުލަތުގެ އާމްދަނީގެ 0.1 އިއްސައްތަ ކަމަށްވެސް ޤާނޫނަށް ހުށައަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ޕާޓީތަކުން އެ ފައިސާ ޚަރަދުކުރާ ގޮތް ބެލުމުގެ ޤާނޫނީ ބާރުވެރިކަން ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި މިމަހުގެ 29 ވަނަ ދުވަހު ބައްދަލުކުރުމަށް ހަމަޖެހިފައެވެ.