ޚަބަރު

މިޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދަނީ


މިޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕެއް ކުރިއަށް ގެންދިޔުމަށް ބްރޯޑްކާސްޓިން ކޮމިޝަނާއި އިސްލާމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އޮތް ރަސްމިއްޔާތުގައި މި ފަހުމުނާމާގައި ބްރޮޑްކޮމްއިން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަޙީދާއެވެ. އައިޔޫއެމްއިން ސޮއި ކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މުސާއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މި ތަމްރީން ޕްރޮގްރާމަކީ ދިވެހި ނޫސްވެރިންނަކީ ބްރޯޑްކާސްޓް ނޫސްވެރިކަމާ ގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ ހަމަތަކަށް އަދި ސުލޫކީ މިންގަނޑަށް އަހުލުވެރި ޤާބިލު ބައެއްކަމުގައި ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި ދިވެހި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ތަމްރީން ލިބިފައިވާ ޒިންމާދާރު އަދި ނޫސްވެރިކަމުގެ ބެސްޓްޕެރެކްޓިސްއަށް އަމަލުކުރާ ނޫސްވެރިންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަޙީދާ ވިދާޅުވީ އެ ކޮމިޝަންގެ އަމާޒަކީ ހުރިހާ މީޑިއާތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އަދި މިޕްރޮގްރާމަކީ މީގެ ފެށުންކަމަށާ، ކުރިއަށް އޮތްތަނުގައި މީޑިއާތަކާ ގުޅިގެން އިތުރު ޙަރަކާތްތަކެއް ކުރިއަށް ގެންދާނެކަމަށެވެ. އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ މި ފަހުމުނާމާގެ ސަބަބުން ރާއްޖޭގެ ޘަޤާފަތާއި އާދަކާދައާއި ބަހާއި އިސްލާމްދީން ދިރުވައި ދެމެހެއްޓުމަށްޓަކައި މަސައްކަތްތައް ކުރަމުން ދާނެކަމަށެވެ.

އަންނަމަހުގެ 2 އިން 4 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 26ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިއީ މީޑިއާގައި މަސައްކަތް ކުރާ ހުރިހާ އެންމެނަށް ބައިވެރިވެވޭ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ އައިޔޫއެމްގެ ލެކްޗަރާއިންނާއި ކޮމިޝަނުގެ މެމްބަރުންކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވެއެވެ.