ޚަބަރު

ފާޅު ބޯޓުގެ ކުލަސްޓާގައި ހިމެނޭ އިތުރު މީހަކު ޕޮޒިޓިވްވެއްޖެ


މާލެ އާއި ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ ފާޅު ބޯޓުގެ ކުލަސްޓާގައި ހިމެނޭ އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ ފާޅު ބޯޓުގެ ކުލަސްޓާއިން ޕޮޒިޓިވްވި 4 ވަނަ މީހާއެވެ. އިއްޔެ ޕޮޒިޓިވްވި މިމީހަކީ، ފާޅުބޯޓުގެ ކުލަސްޓާއިން ޕޮޒިޓިވްވި މީހަކާއި ބައްދަލުވެފައިވާ މީހެކެވެ.

ކުޅުދުއްފުށީ ފާޅުބޯޓުގެ ކެޕްޓަންގެ ކިބައިން، ކޯވިޑް-19ގެ އަލާމަތްތައް ފެނި އޭނާ ޓެސްޓް ކުރި އިރު ބައްޔަށް ޕޮޒިޓިވްވެފައިވާތީ، އެ ބޯޓުގެ 11 ފަޅުވެރިންނާއި، އެމީހުންނާއި ބައްދަލުވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި، މިހާތަނަށް 29 މީހުންގެ ސާމްޕަލް ނަގައި ޓެސްޓްކޮށްފައި ވާއިރު، އޭގެ ތެރެއިން، ޕޮޒިޓިވްވެފައި ވަނީ 4 މީހެކެވެ.

ފާޅުބޯޓުގެ ކުލަސްޓާ އާއި ގުޅި، ކުޅުދުއްފުޓާއި، ނޮޅިވަރަމްގެ ބައެއް ގެތަށް ވަނީ ކަރަންޓީންކޮށްފައެވެ.

ފާޅުބޯޓުގެ ކޭސްތަކާއި ގުޅިގެން ހުކުރު ދުވަހުން ފެށިގެން ކުޅުދުއްފުށި ވަނީ މޮނިޓަރިންގއަށް ލާފައެވެ. މިގޮތުން އެޗްޕީއޭގެ ހުއްދަ ނެތި އެރަށަށް އަރައި ފޭބުން މަނާކޮށްފައި ވާއިރު، އެކިއެކި ބޭނުންތަކުގައި ކުޅުދުއްފުއްޓަށް އައި 100 ވުރެ ގިނަ މީހުން އެރަށުގައި ނުފުރި ތާށިވެފައިވާކަމުގައި ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް، އަބުދުލް ލަޠީފު ހަސަން ވިދާޅުވީ، ބޭސް ފަރުވާއަށް، އދ އޮމަދޫން އައި 60 ވުރެ ގިނަ މީހުންނާއި، ބްލޮކް މޯޑްގެ ކޯސްތަކަށާއި، އެރަށަށް ވިޔަފާރީގެ ބޭނުންތަކުގައި އައިސްތިބި މީހުންނާއި އެކު ޖުމުލަ 100 ވުރެ ގިނަ މީހުން އެރަށުން ނުފުރިފައި އެބަތިބި ކަމަށެވެ.

ފާޅު ބޯޓުގެ ކުލަސްޓާއިން ޕޮޒިޓިވްވި 4 މީހުންނާއި ހޯމްކަރަންޓީންގައި ހުއްޓައި ޕޮޒިޓިވްވި މީހަކާއި އެކި ކުޅުދުއްފުށިން މިހާތަނަށް ކޯވިޑް-19ގެ 5 ކޭސް ފެނިފައިވެއެވެ.