ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލުގައި ނެޝަނަލް ޑައިބެޓީސް ސެންޓަރެއް ހުޅުވައިފި


ހަކުރުބައްޔަށް ފަރުވާހޯދާ މީހުންނަށް އެއް ފުރާޅެއްގެ ދަށުން ޚިދުމަތް ދިނުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގައި ނެޝަނަލް ޑައިބެޓީސް ސެންޓަރއެއް ހުޅުވައިފިއެވެ. މި ސެންޓަރ ހުޅުވާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 3 ވަނަ ފަންގިފިލާގައެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ މި ސެންޓަރަކީ ހަކުރުބަލީގެ ފަރުވާއާއި ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެހިގެންދާނެ ސެންޓަރެއްކަމަށެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލް ކުރާ މީހުންގެ ކެއުން ބަހައްޓާނެ ގޮތާއިމެދު ޑައިޓީޝަނުންގެ ލަފާ ހޯދޭނެ އިންތިޒާމުވެސް މި ސެންޓަރުގައި ހަމަޖައްސާފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

މީގެ އިތުރުން އެ ސެންޓަރުން ޚިދުމަތް ހޯދާ ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމަންޓަށްފަހު އެނބުރި ދިއުމުގެ ކުރިން ރިވިއު ނުވަތަ ފޮލޯއަޕް އެޕޮއިންޓްމަންޓްވެސް ހަމަޖެހިގެންދާނެކަމަށްވެސް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.

އައިޖިއެމްއެޗްއިން ވިދާޅުވީ މުސްތަޤުބަލުގައި އެ ސެންޓަރުން ޚިދުމަތް ހޯދާ މީހުންނަށް ޑޮކްޓަރަށް ދެއްކުމަށްހަމަޖެހިފައިވާ ދުވަސް ކައިރިވުމުން ހަނދާންކޮށްދިނުމުގެ ގޮތުން މެސެޖް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެކަމަށެވެ. އަދި ޓެލެމެޑިސިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، އަތޮޅުތެރޭގައި މިކަމާއިބެހޭ މައުލޫމާތު ދިނުމާއި ހަކުރު ބައްޔަށް ސްކްރީން ކުރުމާއި، ހަކުރުބައްޔާއި ބެހޭގޮތުން ތަމްރީނުޕްރޮގްރާމްތައް ހިންގުމުގެ އިތުރަށް މިކަމާއިބެހޭ ދިރާސާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކައިރި މުސަތްޤުބަލެއްގައި ޑައިބެޓީސް ސެންޓަރު އެއް ވިއުގައެއްގެ ތެރެއިން އެހެން ރަށްތަކާއި ގުޅުވާލުމުގެ މުސައްކަތްވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.