ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީ ހޯދުމަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްދީފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެހީއަށް އެދުމުގެ ފުރުޞަތު މިމަހުގެ 8 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ "ކޯވިޑް-19 އާ ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމް"އަށް ބައެއް ބަދަލުތައް ގެނެސް އެކަމަށް އެދުމުގެ ފުރުޞަތު މިދިޔަމަހުގެ ތެރޭގައި ހުޅުވާލާފައެވެ. އެހެންނަމަވެސް މުއްދަތު އިތުރުކޮށްދީފައި ވަނީ އޭރު ކުރިމަތިލީ ފަރާތްތައް މަދުވުމުން ގިނަ ފަރާތްތަކަކަށް ފުރުޞަތު ދިނުމުގެ ގޮތުންނާއި ބައެއް ފަރާތްތަކުން ހުށައަޅަންޖެހޭ ޑޮކިއުމެންޓްތައް ފުރިހަމައަށް ހުށަހަޅާފައިނުވާތީ އެ ފަރާތްތަކުން އިތުރު ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިހާތަނަށް މި އެހީއަސް އެދި ހުށައެޅި މީހުންގެ ފޯމް ބާޠިލް ނުވާނެކަމަށާއި އަދި ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކަށް އެލިޔުންތައް ފުރިހަމަކޮށް ހުށަހެޅުމަށް އެ މިނިސްޓްރީން އީމެއިލް މެދުވެރިކޮށް އަންގަމުން ގެންދާނެކަމަށެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީ ސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިއެހީގެ ދަށުން ޤުރުއާން ކުލާސްތަކަށް ފަސްލައްކަ ރުފިޔާ، ޕްރީ ސްކޫލްތަކަށް އެއްމިލިއަން ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ.
މި އެހީދޭއިރު ސްކޫލްތަކަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޫޑެންޓް ޕޯޓަލްކަމަށްވާ މީމިސްއަށް ރަޖިސްޓަރކޮށްފައިވާ ތަނަކަށް ވާންޖެހެއެވެ. މިއެހީދޭ ދަރިވަރުން ކަށަވަރުކުރާނީ އެ ސިސްޓަމްގެ ތެރެއިންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.