ކުޅިވަރު

އީގަލްސްއަށް ދަށް ދުވަހެއް، ވިކްޓްރީގެ އެންމެ ރަނގަޅު އެއް ދުވަސް




މިއަދު މިއީ މިސީޒަންގައި ވިކްޓްރީން އެންމެ
ރަނގަޅަށް ކުޅުނު އެއް މެޗުކަމަށް ކޯޗު އަހުމަދު ނާޝިދު ބުނެފިއެވެ.
ޕްރެޒިޑެންޓްކަޕްގައި އީގަލްސް ލަނޑެއް ޖެހިޔަ ނުދީ އެއްވަރުކޮށް، ހޯދި
ޕޮއިންޓަށްފަހު ނާޝިދު ބުނީ އީގަލްސްއަށްވުރެ ހުސް ފުރުޞަތުވެސް ލިބުނީ ވިކްޓްރީއަށްކަމަށާއި،
ލަނޑު ނުޖެހުން ފިޔަވައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ



ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވި މެޗަށްފަހު
ނާޝިދު ބުނީ އޭނާ ބޭނުންވި ގޮތަށް ހުރިހާ ކުޅުންތެރިންވެސް ކުޅުނު ކަމަށެވެ.



" މިއީ ވިކްޓީގެ އެންމެ ރަނގަޅު އެއް މެޗު.
ބޭނުންވިގޮތަށް ޑިސްޕްލިންގއާއެއްކޮށް ޓީމް ކުޅުނު. އީގަލްސްއަށްވުރެ މާ ހުސް
ފުރުޞަތުތައްވެސް ލިބުނު. ހަމައެކަނި މައްސަލައަކީ ލަނޑު ނުޖެހުން. ވަރަށް
ރަނގަޅަށް ތައްޔާރުވެގެން މުބާރާތަށް ނިކުތީ. އޭގެ ނަތީޖާ ކަންނޭންގެ މިފެނުނީ.
" ނާޝިދު ބުންޏެވެ.



އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީ ބުނީ މިއީ
އީގަލްސްއަށް ދަށް ދުވަހެއްކަމަށެވެ. އޭނާގެ ޓީމަށް ނުކުޅެވުނުކަމަށާއި،
ނަތީޖާއާއި މެދުވެސް ހިތްހަމަ ނުޖެހޭކަމަށް އިހުސާން ބުންޏެވެ.
" މިއީ އީގަލްސްއަށް ދަށް  ދުވަހެއް.
އެއްވެސް ގޮތަކަށް ނުކުޅެވުނު. މެޗު ފަށައިގެން ބައެއް ކުޅުންތެރިން ރުޅި
ގަދަވެގެން އުޅުނުތައް ފެނުނީ. އެންމެ ފުރަތަމަ ޖެހުނީ ކުޅުންތެރިން ހަމަބިމަށް
ތިރިކުރަން. އީގަލްސްއަކީ މިހާރު ބޮޑު ކްލަބެއް. އީގަލްސް ނިކުންނާނީ ތިން
ޕޮއިންޓް ހޯދަން. ވިކްޓްރީއަށް މިއަދު ޕޮއިންޓަކުންވެސް ހިތްހަމަ ޖެހިދާނެ. "
އިހުސާން ބުންޏެވެ.



މެޗުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ފުރުޞަތުތައް
ލިބުނެވެ. ޚާއްޞަކޮށް އަނިޔާވެގެން ބޭލި ވިކްޓްރީގެ މުޙައްމަދު ތަޝްނީމަށް
ދެހާފްގައި ލިބުނު ހުސް ދެފުރުޞަތު ފާހަގަކުރެވެއެވެ. ފުރަތަމަ ހާފްގައި ލިބުނު
ފުރުޞަތުގައި މަޑުމަޑުން ފޮނުވާލި ބޯޅަ ކީޕަރު ކޯނަރަކަށް ބޭރުކޮށްލިއެވެ. ދެވަނަ
ފުރުޞަތުގައު ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.



އީގަލްސްގެ އަހުމަދު ރަޝީދު ފޮނުވާލި ބޯޅަ ކީޕަރު
މަތަކުރިއިރު، އޭނާ ނަގައިދިން ހުރަސްވެސް ޖަހާނެ ކުޅުންތެރިއަކު ނެތި
ހުރަސްވެގެން ދިޔައީއެވެ. އޭގެ ފަހުން ލިބުނު ހިލޭޖެހުމެއްގައި ފޮނުވާލި ބޯޅަ
ކީޕަރު ޠޮލާލް މަތަކުރުމުން ދެވަނަ ފަހަރަށް ފޮނުވާލި ނަމަވެސް
ކީޕަރު މަތަކުރިއެވެ.



މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހުކުރު
ދުވަހުއެވެ. އައްޑޫ ސިޓީގައި ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބް ވެލެންސިޔާއާއި
އީގަލްސްއެވެ.