ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ ބުރުގެރިއާ ހެނެސީގެ (Brugueira hainesii) ދިވެހިރާއްޖެއިން އަލަށް ފެނިއްޖެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މި ބާވަތުގެ މެންގްރޫވް ގަސް ރާއްޖެއިން ފެނުނީ، ހއ ކެލާ ކަނޑޫފަލުން ކަމަށެވެ. އެރަށުން އެބާވަތުގެ 4 ގަސް ވަނީ ފެނިފައެވެ. މީގެ ކުރިން ކުރެވިފައިވާ ސާރވޭތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައިވެސް 2010 ވަނަ އަހަރާއި ހަމައަށް ހުރީ، މިބާވަތުގެ ފޯދިފައިވާ އެންމެ 200 ގަހެވެ.
އަލަށް ރާއްޖޭގެ ކަނޑޫފަލަކުން ފެނުނު ބުރުގެރިއާ ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ. މި ބާވަތުގެ ގަހަކީ އައިޔޫސީއެން މުޅި ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް އޮތް ގަސްތަކުގެ ކެޓެގަރީ ލިސްޓްކޮށްފައިވާ ބާވަތުގެ ގަހެކެވެ. މި ބާވަތުގެ ގަސް ފެނިފައިވަނީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާގެ ކަނޑޫފާތަކުންނެވެ. އަދި މިގަހުގެ އާބާދީ ދުވަހުން ދުވަހަށް ދަނީ މަދުވަމުންނެވެ. އެވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެއް ކަމަށެވެ.
އަލަށް ފެނުނު މިބާވަތުގެ ކަނޑޫގަސް ކެލާ ކަނޑޫފަލުން ފެނުނީ، މި އަހަރުގެ މާރިޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުން ކަމުގައި އެންވަޔަރަން މިނިސްޓްރީން ވިދާޅުވެއެވެ.
މިސާރވޭ ކުރިއަށް ގެންގޮސްފައި ވަނީ ހިމާޔަތްކޮށްފައިވާ ސަހަރައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫ.އެސް.އޭ.އައި.ޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ "ރީޖެނެރޭޓް" ޕްރޮޖެކްޓްގެ ތެރެއިން އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) މޯލްޑިވްސްއާއި ގުޅިގެން ނެވެ.
މި ސާވޭއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އައިޔޫސީއެން ބައިވެރިވެގެނެ ކުރިއަށް ގެންދެވުނު ސާރވޭއެކެވެ. ކެލާގައި ކުރެވުނު ސާވޭއިން އެރަށުގައި މިބާވަތުގެ 4 ގަސް ހުރިކަން ވަނީ ފާހަގަވެފައެވެ.
މިގަސް އައިޑެންޓިފައި ކޮށްދެއްވީ ގަހުގެ މައުލޫމާތު ފޯރުކޮށްދިނުމުން އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯރޑިނޭޓަރ ޑރ. ޔޮންގ އެވެ. ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއެވެ. ނަމަވެސް މިމޭވާ ބޮޑަވަތްކަށްވުރެ ކުރުވެފައި ފަލަ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތު ދެއްވާފައި ވެއެވެ.
ކެލާގައި ކުރިޔަށް ގެންދިޔަ މިސާރވޭ އާއި ގުޅޭ ރިޕޯޓް މިހާރުވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އީޕީއޭ އަދި އައިޔޫސީއެން ގުޅިގެން ތައްޔާރުކޮށްފައެވެ. ދިވެހިރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިންވަނީ 14 ބާވަތެއްގެ މެންގްރޫވް ގަސް ރެކޯޑް ކުރެވިފައެވެ. އަލަށް މިފެނުނު ބާވަތާއެކު ދިވެހިރާއްޖެއިން މުޅިއެކު 15 ބާވަތުގެ މެންގްރޫވް ގަސް މިހާރުވަނީ ފެނިފައެވެ.
މިބާވަތް މިހާތަނަށް ކެލާއިން ރެކޯޑް ކުރެވިފައިވީނަމަވެސް ރާއްޖޭގެ އެހެން ކުޅިފާތަކުންވެސް ފެނުން އެކަށީގެންވާ ކަމުގައިވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިބާވަތުގެ ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް މިމިނިސްޓްރީ އާއި ކަމާއި ގުޅޭ ފަރާތްތަކާއެކު މިހާރު މިދަނީ މަޝްވަރާ ކުރަމުންނެވެ.