ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމާއި ގުޅިގެން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިފްކޯއިން ދަށްކޮށްފިއެވެ.
މިފްކޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި އަގުތަކަށް ބަލައި މިއަދުން ފެށިގެން މިފްކޯގެ ކާރުހާނާތަކަށާއި ބޯޓްފަހަރަށް އައިސް އެޅި މަސްކިލޯއެއް ގަންނަމުންދާނީ ކިލޯއެއް 16 ރުފިޔާއަށް ކަމަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާއަށެވެ. އަދި 10 ރުފިޔާއަށް ގަންނަމުންދިޔަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި މިއަދުން ފެށިގެން ގަންނާނީ 9 ރުފިޔާއަށް ކަމަށާއި އައިސް ނާޅާ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 7 ރުފިޔާއަށްކަމަށްވެސް މިފްކޯއިން ބުނެއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތްތާނގައި މަހުގެ އަގު ރަނގަޅުވެގެންދިޔުންކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގައި މަސްވެރިންގެ އަތުން އެންމެ ރަނގަޅު އަގެއްގައި މަސް ގަންނަނީ މިފްކޯއިންކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.
" މަހުގެ އަގު ފިކްސްކޮށްގެން ކުރިން ގަންނަމުން ދިޔައީ، މިހާރު ބާޒާރުގައި މަހުގެ އަގު ގޮތަކަށް ބަލާފަ މަސްވެރިންގެ އަތުން މަސްގަންނަމުން މިދަނީ، ބާޒާރުގައި ރަނގަޅު އަގެއް އޮތިއްޔާ މަސްވެރިންގެ އަތުންވެސް މަސް ގަންނާނީ ރަނގަޅު އަގެއްގައި،" އިސްމާއިލް ވިދާޅުވިއެވެ.
މިފްކޯއިންވަނީ ސެޕްޓެމްބަރމަހުގެ 20ވަނަ ދުވަހުގެ މިފްކޯއަށް މަސްގަންނަ އަގުތައް ދަށްކޮށްފައެވެ. އެގޮތުން މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލިކަން އިއުލާންކޮށް މިފްކޯއިން 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ކިލޯއެއް ގަންނަމުން ދިޔައީ 18 ރުފިޔާއަށެވެ. އަދި ފިނިނުކުރާ މަސް ކިލޯއެއް ގަންނަމުންދިޔައީ 16 ރުފިޔާއަށެވެ.
މަސް ގަންނަން ފިކްސްޑް ރޭޓެއް އޮންނަ އޮތުމަށް ނިމުމެއް ގެންނަން ނިންމާފައިވާއިރު، މަސްވެރިންނަށް ފައިސާ ދިނުމުގައިވެސް ހަރުދަނާ އުސޫލުތަކެއް ޤާއިމްކުރުމަށް މިފްކޯއިން ވަނީ ނިންމާފައެވެ. އެގޮތުން މަސްވެރިން މަސް ކިރުވާތާ 7 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭނެކަމަށް މިފްކޯއިން ބުނެއެވެ.
މިއީ ރާއްޖެއަށް މަސްވެެރިކަން އެންމެ ރަނގަޅު ދުވަސްކޮޅެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް މިފްކޯގެ ކާރުޙާނާތަކަށް 300-250 ޓަނުގެ މަސް ކިރުވާކަމަށް އިސްމާއިލް ވިދާޅުވިއެވެ.