ވިޔަފާރި

އިޤްތިސާދު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަދޭ- މިނިސްޓަރ ފައްޔާޟް


އިޤްތިސާދު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިމަސައްކަތުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބާރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި އިތުުރު ގޮންޖެހުންތަކެއް ނެތި ކުރިއަށްދާނަމަ، ރާއްޖޭގެ އިޤްތިސާދު ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިތުރު މިކަހަލަ ބޮޑެތި ގޮންޖެހުންތަކެއް ދިމާނުވެ، ރަނގަޅަށް މަސައްކަތް ކުރެވޭ ކަމަށްވަންޏާމުން އިޤްތިސާދު މުޅި ޓޫރިޒަމަށް ބިނާވާ ބިނާވުން ކުޑަވެފައި ފިޝަރީޒް އާއި އެގްރިކަލްޗަރ ސެކްޓަރ އިތުރަށް ވަރުގަދަވެ ބޭރުގެ އިންޕޯޓު ކުރުމުގެ ޙާއްސަކޮށް އެގްރިކަލްޗަރ ރިލޭޓަޑް އިމްޕޯޓްސް މަދުވުން އެއީ ވެގެންދާނެ ކަމެއް،" މިނިސްޓަރ ފައްޔާސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަންވެސް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން އެކަމާއި ގުޅުންހުރި އުމްރާނީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

އިޤްތިސާދާއި ރައްޔިތުންގެ ދުޅަހެޔޮކަމާއި ބޮޑު ގުޅުމެއް އޮތްކަން ފާހަގަކުރައްވާ މިނިސްޓަރ ފައްޔާޒް ވިދާޅުވީ ކުރިމަގުގައި އަތޮޅުތަކުން ސިއްޙީ ބޭނުންތަކަށް މާލެއަށް އަންނަން ނުޖެހޭނެ ގޮތަށް ކަންކަން އިންތިޒާމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

" ސިއްޙީ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން މިދަނީ، ކުރިއަށް އޮތްތާގައި އަތޮޅުތެރެއިން މާލެއަށް ނާންނާނެ ބޭސް ފަރުވާއަށް، އަތޮޅުތަކުން މާލެއިން މިކުރެވޭ ފެންވަރުގެ ވަރަށް ގިނަ ކަންތައްތައް ކުރެވޭނެ، ނުކުރެވިއްޖެެޔާ ސީދާ އެ އަތޮޅަކުން ނުވަތަ ހިސާބުގެ އިންޓަރނޭޝަނަލް އެއަރޕޯޓަކުން ފުރައިގެން އިތުރު ފަރުވާއަށް ދާނީ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަތޮޅުތެރޭގެ ތައުލީމީ ނިޒާމްވެސް މިހާރު ގިނަ ބަދަލުތަކެއް ގެނެސް، ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަވެ، ރާއްޖެ މިހާރު މިސްރާބް މި ޖަހަނީ ވަރަށް ދުޅަހެޔޮ އިޤްތިސާދަކާއި ދިމާއަށްކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.