ޚަބަރު

ސަރުކާރުން މަސައްކަތް ކުރާނީ ޤައުމާއި މުޖުތަމަޢަށް އެންމެ ހެޔޮގޮތް އިސްކޮށްގެން: ނައިބް ރައީސް


ސަރުކާރުން މަސައްކަތް ކުރާނީ ޤައުމާއި މުޖުތަމަޢަށް އެންމެ ހެޔޮގޮތް އިސްކޮށްގެން ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޑްރަގް ކޯޓަށް ޒިޔާރަތްކުރައްވާ، އެ ތަނުގެ އިސްވެރިންނާއި ބައްދަލުކުރައްވާ، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް މުޅި ދައުލަތުން ކުރަމުންދާ މަސައްކަތްތަކުގައި، ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނީ ޤައުމާއި މުޖުތަމަޢަށް އެންމެ ހެޔޮގޮތް އިސްކޮށްގެން ކަމުގައެވެ. އަދި، މި ކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވުމުން، މި ކަމުގައި ވެސް ކާމިޔާބީ ލިބޭނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުން އެއްވެސް ދާއިރާއަކުން އެއްވެސް މީހަކު ބާކީވިޔަ ނުދެއްވާނެކަަމަށެވެ.

ޑްރަގް ކޯޓުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު، އަދި ވަކިން ޚާއްޞަކޮށް ޒުވާނުން، ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ، ޝުކުރުއަދާކުރައްވާފައެވެ. އަދި، މިކަމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑްރަގް ކޯޓުގެ އިސްވެރިން ވަނީ، މި ވަގުތު އެ ކޯޓަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. މިގޮތުން، އެ ބޭފުޅުން ފާހަގަކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި، ޑްރަގް ކޯޓު ހިންގާ ޢިމާރާތުގައި ހުރި ދަތިތައް ހިމެނެއެވެ. އަދި، އެ ކޯޓަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަނީ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ސަމީރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޑޮކްޓަރ ޢަބްދުލްމަލިކް ބައިވެރިވެވަޑައިގެންނެވިއެވެ.