ޚަބަރު

މަޖީދީ މަގުގައި ތާރުއެޅުމަކީ އަމާޒެއް - އާރްޑީސީ


މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން މާލޭ ވަށަމަގާއެކު މަޖީދީ މަގުގައި ތާރުއެޅުމަކީ އަމާޒެއްކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

"މާލެ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓު"ގެ މަސައްކަތް ކުރުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އަދި އެކަމުގެ ޢަމަލީ މަސައްކަތް ފެބްރުއަރީމަހު ވަނީ ފަށާފައެވެ.

މާލޭގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވީ މަޖީދީ މަގުގައި ތާރުއެޅުމަށްޓަކައި ސިޓީ ކައުންސިލާ އެ ކުންފުންޏާއެކު މަޝްވަރާކުރައްވާފައިވާކަމަށެވެ.

މުސާ އަލިމަނިކު ވިދާޅުވީ މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނަކަމަށެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ހުޅަނގުން މާފަންނު ވެސްޓްޕާކް ސަރަހައްދާއި ކަނބާއައިސާރަނިހިނގުން އަދި އެމަގާއި ގުޅޭ އެހެން މަގުތަކެވެ.

"ޕައިލެޓް ޕްރޮޖެކްތަށް އިތުރުވި ބައިގެ މަސައްކަތް މިހާރު މިވަނީ ނިންމާލާފަ. ރަސްފަންނު ސަރަޙައްދުގެ ވެލިގަނޑު ނަގައި އައު މަގެއް ހަދާފައި އެވަނީ . ވެސްޓް ޕާރކް ތެރެއިން އިތުރު މަގެއް ހަދާ އެތަނުގައި ޕާކާއި ބަސްޓޮޕް ހެދުމުގެ މަސައްކަތް މިހަރު ކުރަމުން އެދަނީ. އަދި ކަނބާއައިސާރަނިހިނގުމުގެ މަސައްކަތް ފަށާފައި އެވަނީ . އެމަގުގެ މަސައްކަތް ޑިސެމްބާރު މަހު ނިންމާލެވޭނެ. " މޫސާ އަލިމަނިކު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މާލޭގެއެކި ސަރަހައްދުތަކުން 18.08 ކިލޯ މީޓަރގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް ހިމަނައިގެން 416 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ހަދާމަގުތައް ހަތަރު ޑިޒައިނަކަށް ހެދުމަށް ވަނީ ނިންމާފައެވެ.

މި މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ކަރަންޓާއި ފެނާ ނަރުދަމާ އާއި ޑީވޯޓަރިން އާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކޮށްގެންކަމަށް ސިޓީ ކައުންސިލްއިން ވިދާޅުވެއެވެ. އަދި މިމަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފަޔަރ ހައިޑްރަންޓް ހޮޅިއާއި ގޭސް ހޮޅި ހިމަނައިގެންނެވެ. މާލޭގެ މަގުތައް ތަރައްޤީކުރުމަށް ޖުމުލަ 462 މިލިޔަނަށް ރުފިޔާ ޚަރަދުވެއެވެ.