ތަޢުލީމު

ކެޔޮދޫ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ރިފްޤާ


ވ. ކެޔޮދޫ ސްކޫލުން 2014 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ފާތިމަތު ރިފްޤާ ހޮވިއްޖެއެވެ. ކެޔޮދޫ ސްކޫލްގެ މިދިޔައަހަރުގެ އެންމެމޮޅު ދަރިވަރަކަށް ރިފްޤާ ހޮވިފައިވާއިރު އޭނާ ވަނީ ފާއިތުވި އަހަރުގެ އޯލެވެލް ޓޮޕްޓެންގެ އެއްވަނައިގައިވެސް ހިމެނިފައެވެ. އަދި އޯލެވެލްގައި އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން މަތީ ފާސް ހޯދައި، ކޮމާސް އިން ދުނިޔޭގެ ފަސްވަނަވެސް އޭނާ ވަނީ ހޯދާފައެވެ. ކެޔޮދޫ ސްކޫލްގައި ބޭއްވި އެ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާގައި ރިފްޤާއަށް އިނާމް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނު ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ. އިނާމުދިނުމުގެ ޖަލްސާގައި ޑރ. ޝަމީމް ވަނީ ކުދިން ތަރުބިއްޔަތު ކުރުމުގައި މައިން ބަފައިންގެ ބައިވެރިވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޝަމީމް ވިދާޅުވީ ދަރިން ކިޔަވަންފޮނުވާ، ސްކޫލްގެ ކަންކަމުގައި ބެލެނިވެރިން މަސްޢޫލުވާ މިންވަރު އިތުރު ކުރަން ޖެހިފައި ވާކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ޢިޤްތިސާދު ކަމަށްވާ ޗައިނާގައި ދަރިވަރުން ރަނގަޅު ނަތީޖާ ހޯދާ ސަބަބުތަކުން ޝަމީމް ވަނީ މިސާލު ނަންގަވާފައެވެ. ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ހަމީދު ވިދާޅުވީ އެ ސްކޫލަކީ ދަރިވަރުންގެ ކުރިއެރުމަށް ބެލެނިވެރިންގެ އެއްބާރުލުން ލިބުމުގައި ލާމަސީލު ނަމޫނާ ދައްކަމުންގެންދާ ސްކޫލެއްކަމަށެވެ. އަދި އަހަރުން އަހަރަށް ދަރިވަރުން ނެރޭނަތީޖާ ރަނގަޅުވަމުން ދާކަންވެސް ޕްރިންސިޕަލް ފާހަގަ ކުރެއްވި އެވެ.ކެޔޮދޫ ސްކޫލުން ފާއިތުވި އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވަނީ ޖުމްލަ 12 ދަރިވަރުންނެވެ. އޭގެތެރެއިން 2 ދަރިވަރަކު ވަނީ ޤައުމީ ޓޮޕްޓެންގައިވެސް ހިމެނިފައެވެ.އިނާމުދިނުމުގެ ޖަލްސާގައި ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ އިތުރުން އެކިއެކި ގްރޭޑް ތަކުން އެންމެ މޮޅު ދަރިވަރުންނާއި ވަކި މާއްދާތަކުން އެންމެ މޮޅު ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީލިޔުމާއި ޓްރޮފީ ދީފައެވެ.