ޚަބަރު

ރާއްޖޭގެ ތާރީޚާއި ގުޅުވައި ދިވެހި ނަންތަކާއިއެކު ކައްކާފޮތެއް ނެރެފި


ރާއްޖޭގެ ތާރީޚާއި ގުޅުވައި ދިވެހި ނަންތަކަކާއިއެކު ފުރަތަމަ ފަހަރަށް ކެއްކުމާއި ބެހޭ ފޮތެއް ނެރެފިއެވެ.

ހެންވޭރު އާރާގެގައި ދަ ޝެފް މޯޑް، ބުރޭންޑް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިޔާތުގައި "ދަ ޝެފް މޯޑް" ބުރޭންޑް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފްއެވެ.

ޝެފް މޯޑްގެ ދިވެހި ރެސިޕީތަކަށް ޚާއްސަކޮށް ލިޔެފައިވާ މިފޮތަކީ އޭނާގެ އަމިއްލަ ދިވެހި ރެސިޕީތަކެވެ. ޝެފް މޯޑްގެ ”ޓޭސްޓް ހޯމް“ ފޮތަކީ އިނގިރޭސި ބަހުން ލިޔެފައިވާ ދިވެހި ރެސިޕީތަކަށް ޚާއްސަ ފޮތެކެވެ. އަދި މި ފޮތަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ނެރެފައިވާ ފޮތެކެވެ.

މި ފޮތުގައި ކޮންމެ ރެސިޕީއެއް ފެށުމުގެ ކުރިން އެ ރެސިޕީއަށް ދީފައިވާ ނަމުގެ ކުރު ޚުލާސާއެއް ދެއެވެ. މިގޮތުން މި ފޮތުގައި ހުރި ބައެއް ރެސިޕީތަކަށް ދިފައިވާ ނަންތަކަށް ބަލާލާއިރު މަސްވެރިޔާ، ދޮންކަމަނަ، ކަނބަލުން، ފެނުޕަރީ ،ދަންޑެހެލު ފަދަ ރާއްޖޭގެ ތާރީޚުން އެނގޭ ބައެއް ނަންތައް ވަނީ ހިމަނާފައެވެ.

"ދަ ޝެފް މޯޑް" ބްރޭންޑް އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ އަޙްމަދު މަޚުލޫފް ވަނީ މިފަދަ ބުރަ މަސައްކަތެއް ޒުވާނަކު އިސްނައިގައިގެން ކުރީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޝެފް މޯޑްގެ ދިވެހި ރެސިޕީތަކަށް ޚާއްސަކޮށް ލިޔެފައިވާ ފޮތާއި ކުކިންގ ޓިޕްސްގެ އިތުރުން ކެއްކުމާއިބެހޭ މަޢުލޫމާތު ހިމެނޭ ވެބްސައިޓް ވެސް މި ހަފްލާގައި ވަނީ ލޯންޗުކޮށްފައެވެ.

ހުޅުމާލޭގައި ދިވެހި ރަހަތަކަށް ހައްސަ ކެފޭއެއް ހުޅުވުމުގެ މަސައްކަތް ވެސް ޝެފް މޯޑް އަންނަނީ ކުރަމުންނެވެ. ހުޅުމާލޭގައި ޝެފް މޯޑް "ބަދިގެ" ނަމުގައި ހުޅުވާ ކެފޭއަކީ ވަރަށް ދިވެހި ވަންތަ ގޮތް ދައްކުވައިދޭނެ ކެފޭއަކަށް ވާނެ ކަމަށާއި އެ ތަނުގެ ވަޒީފާގެ ފުރުޞަތު ދިވެހިނަށް ދިނުމުގައި އިސްކަން ދޭނެ ކަމަށް ޝެފް މޯޑު ހަމަކުރެއެވެ.