ދުނިޔެ

އެއްދުވަސްތެރޭ އެމެރިކާގައި ކޯވިޑް ޖެހުނު މީހުން ރެކޯޑް އަދަދަކަށް


އެމެރިކާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު އަނެއްކާވެސް ރެކޯޑު ޢަދަދަކަށް އިތުރުވެއްޖެއެވެ.

އެންމެ ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ ޤައުމުގެ ގޮތުގައި އޮތް އެމެރިކާގައި މިހާތަނަށް 8.7 މީހުންނަށް ބަލި ޖެހި 228،317 މީހުންވަނީ މަރުވެފައެވެ. މީގެ ކުރިން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް އެއްދުވަސް ތެރޭގައި ބަލިޖެހިފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ 23ވަނަ ދުވަހުގައި އެ ޤައުމުގައި 83،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ ޖުލައި މަހުގައި ރެކޯޑު ކުރެވުނު ޢަދަދަށްވުރެ 6،000 މީހުން އިތުރު ޢަދަދެކެވެ.

ޚިޒާން މޫސުމުގައި ބަލިޖެހޭ މީހުން އިތުރުވަމުންދާ ވަރަކަށް ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު ދަނީ އަދިވެސް އިތުރުވަމުންކަމަށް ޞިއްޙީ މާހިރުންދަނީ ބުނަމުންނެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް މިނެސޮޓާގެ ގައިންގަޔަށް އަރާ ބަލިތަކާއި ބެހޭ ޑިރެކްޓަރެއްކަމަށްވާ މައިކަލް އޮސްޓާހޮމް ވިދާޅުވީ ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު މިލިއަނަކަށް އިތުރުވުމަކީވެސް ވަރަށް ގާތްކަމެއްކަމަށެވެ. އާންމު ގޮތެއްގައި ބަލިޖެހިފައިވާ އައު މީހުން ފެންނަން ފަށާތާ ދެ ތިން ހަފުތާގެ ތެރޭގައި ބަލީގައި މަރުވާ މީހުން އިތުރުވާން ފަށާކަމަށާއި އެހެންކަމުން ކުރިއަށް އޮތް މަހުގެ ތެރޭގައި ބަލީގައި މަރުވާ މީހުންގެ ޢަދަދުވެސް ވަރަށް ބޮޑަށް އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގައި އެއްދުވަސް ތެރޭގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު ރެކޯޑު ޢަދަދަކަށް އިތުރުވެފައިވަނީ ފާއިތުވި ހަފުތާގެ ތެރޭގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އެވަރެޖު 63،000އަށްވުރެ އިތުރުވެފައިވަނިކޮށެވެ. މިދިޔަ ސސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ހަފުތާއެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އެވަރެޖު ޢަދަދު އިތުރުވަމުން ގޮސް މިހާރުގެ ޢަދަދަކީ އޭރު ހުރި އެވަރެޖު ޢަދަދާ އަޅާ ބަލާއިރު 84 އިންސައްތަ އިތުރު ޢަދަދެކެވެ.

ޞިއްޙީ މާހިރުން ބުނީ ބަލިޖެހޭ މީހުންގެ ޢަދަދު އެހާ ބޮޑަށް އިތުރުވާން ފެށީ މަދަރުސާތަކާއި ކޮލެޖުތައް އަލުން ހުޅުވަން ފެށިފަހުން ކަމަށެވެ. އިޖުތިމާޢީ ބައްދަލުވުންތަކާއި ޢައިލީ އެއްވުންތަކުގެ ސަބަބުންވެސް ބަލިޖެހޭ މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވަމުންދާކަމަށް މާހިރުން ފާހަގަކުރިއެވެ.

ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާ ވިލާތުގެ ޤައުމުތަކާ ޚިލާފަށް އެމެރިކާގައި ބަލި ފެތުރެން ފެށި ގޮތަށް ބަލި ފެތުރޭ މިންވަރު ފާހަގަކުރެވޭ މިންވަރަކަށް ދަށަށް ގޮސްފައެއް ނުވެއެވެ. އެހެންކަމުން ހުއްޓުމެއްނެތި ބަލިވާ މީހުންގެ ޢަދަދު އިތުރުވުމުގެ ނަތީޖާ މާ ބޮޑަށް ގޯސްވުން އެކަށީގެންވާކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. ކުރިއަށް ބޮޑެތި ޗުއްޓީތަކެއް އޮތުމުންވެސް ޢާއިލާއާއި ރައްޓެހިންނާ ބައްދަލުކޮށް ވަގުތު ހޭދަކުރާ މިންވަރު އިތުރުވެ، ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެދާނެކަމަށް ޞިއްޙީ މާހިރުން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާގެ ޙާލަތު އިތުރަށް ގޯސްވަމުންދިޔަ ނަމަވެސް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕު ވިދާޅުވަމުން ގެންދަވަނީ އެމެރިކާގެ ޙާލަތު ރަނގަޅުވަމުންދާކަމަށެވެ. ނަމަވެސް ފާއިތުވި ހަފުތާގެ ތެރޭގައިވެސް އެމެރިކާގެ 34 ސްޓޭޓެއްގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދުވަނީ އޭގެ ކުރީ ހަފުތާ އާއި އަޅާ ބަލާއިރު އިތުރުވެފައެވެ. އަދި ބަލިޖެހިފައިވާ މީހުންގެ ތެރެއިން 41،000 މީހުންނަށްދަނީ ހަސްފަތާލުގައި ފަރުވާދެމުންނެވެ.

ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން ދިޔަ ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އާންމުން ދެމިތިބޭނަމަ ޙާލަތު އަދިވެސް ރަނގަޅު ކުރެވޭނެކަމަށް ޞިއްޙަތާއި ބެހޭ މާހިރުންދަނީ ބުނަމުންނެވެ. އެމެރިކާގެ ރައްޔިތުންގެ ތެރެއިން 95 އިންސައްތަ މީހުން މާސްކު ބޭނުންކުރާނަމަ އަންނަ ފެބްރުއަރީ މަހާއި ހަމައަށް 100،000އަށްވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެކަމަށް ދިރާސާއަކުންވަނީ ދައްކާފައެވެ.

ކަން އެހެން އޮތް ނަމަވެސް ގިނަ ޢަދަދެއްގެ މީހުން މާސްކު ބޭނުންކުރުމަށް އަދިވެސް ބޭނުން ނުވާކަމަށާއި މާސްކު ބޭނުންކުރުން މަޖުބޫރުކުރަންވީ ވަގުތަކީ މިއީކަމަށްވުން އެކަށީގެންވާކަމަށް އެމެރިކާގެ ގައިން ގަޔަށް އަރާ ބަލިތަކާއި ބެހޭ އެންމެ އިސް މާހިރު އެންތޮނީ ފައުޗީވަނީ ވިދާޅުވެފައެވެ.