ޚަބަރު

100 އަށްވުރެ ގިނަ އުޅަނދުގެ ސަލާމަތީކަންކަން ބަލާ ފާސްކޮށްފި


ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ބެލުމަށް ކޯސްޓްގާޑުން ހިންގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް ސަތޭކައަށް ވުރެ ގިނަ އުޅަނދު ބަލާ ފާސްކޮށްފިއެވެ. ކޯސްޓްގާޑު ސިފައިން މިހާރު ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަންގައި މިހާތަނަށް ޗެކްކުރެވުނު އުޅަނދުތަކުގެ ތެރެއިން 24 އުޅަނދެއްގައި ސަލާމަތީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން، އެކަންތައްތައް ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެދީފައިވާކަމަށް ސިފައިން މައުލޫމާތުދެއެވެ.ކޯސްޓްގާޑުން ހިންގަމުންދާ މި އޮޕަރޭޝަންގައި، ސިފައިން ދަނީ އޮޑި ދޯނިފަހަރަށް އަރައި، ލައިފް ޖެކެޓާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި، އަދި މުދަލާއި ޕަސިންޖަރުން އުފުލުމުގައި ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންނެވެ.މި އޮޕަރޭޝަންގައި މިހާތަނަށް ކޯސްޓްގާޑުން ބަލާ ޗެކްކުރެވުނު އުޅަނދުތަކުގެ ތެރެއިން 76 އުޅަނދެއްގެ ސަލާމަތީ ކަންކަން ފުރިހަމަކުރެވިފައި ހުރިކަންވެސް ކޯސްޓްގާޑުން ފާހަގަކުރެއެވެ.ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތައް ހިނގައި، މީހުންގެ މުދަލަށް ގެއްލުންލިބި، ރައްޔިތުންގެ ފުރާނައަށް ނުރައްކާވުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުކަން ދިނުމުގެގޮތުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން އިތުރަށް ބަލައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުވާ އުޅަނދުފަހަރު ފުރުން ހުއްޓުވުމަށް ފުލުހުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި އޮޕަރޭޝަންގައި އެކި ރަށްރަށުން ފުރާ އުޅަނދު ފަހަރަށް މީހުން އަރުވާ ވަރާއި ދަތުރުގެ މަންޒިލް އޮޅުންފިލުވައި، ސާފުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން ދަތުރަށް ފުރާއިރު މުވާޞަލާތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ހުރޭތޯބަލައި ތެލާ ބޯފެންފަދަ އަސާސީ ކަންކަން ފުރިހަމަ ކޮށްފައިހުރި މިންވަރުވެސް ބަލަމުން ގެންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވެ ކަނޑު ދަތުރު ކުރުމަށް ދަތިވާ ވަރަށް ވައިގަދަވާނެކަމަށް، މޫސުމާ ބެހޭ އިދާރާއިންނާ ފުލުހުންނާއި ސިފައިން އަދި ޓްރާންސްޕޯޓް އޮތޯރިޓީންނާ ޑިޒާސްޓަރ މެނޢޭޖްމަންޓުންވެސް ދަނީ ތަކުރާރުކޮށް އަންގަމުންނެވެ. އަދި ކަނޑު ދަތުރުފަތުރު ކުރުމުގައި އިތުރަށް ސަމާލުކަން ދިނުމަށާއި، މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.