ވިޔަފާރި

ވީއައިއޭއަށް މިމަހު 126 ޕްރައިވެޓު ޖެޓު، މިއީ 110 އިންސައްތައިގެ އިތުރުވުމެއް


މިމަހުގެ މިހާތަނަށް 126 ޕްރައިވެޓު ޖެޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.

މިއަދަދަކީ މިދިޔަ މަހާ އަޅާ ބަލާއިރު 110 އިންސައްތަ އިތުރު އަދަދެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ މެނޭޖުކުރާ އެމްއޭސީލުން ހާމަކުރާގޮތުގައި މި އަދަދަކީ އެހެން އަހަރުތަކުގެ މި މުއްދަތާއި އަޅާ ބަލާއިރު މަދު އަދަދެއް ނަމަވެސް ރާއްޖެއަށް ޖެޓުތަކުގެ އަދަދު ރަނގަޅު މިންވަރަކަށް އިތުރުވަމުންދާ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ، އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ ބޯޑަރު ހުޅުވާލި ފަހުން މިވީ މުއްދަތުގައި ރާއްޖެއަށް އަންނަ ޕްރައިވެޓު ޖެޓުތައް މަހަށް ވުރެ މަހެއް އިތުރުވަމުންދާ ކަމަށެވެ.

"ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 28 ޖެޓު، އޮގަސްޓުމަހު 59 ޖެޓު އައިސްފައިވޭ، ސެޕްޓެމްބަރުމަހު 60 ޖެޓު އަދި މިމަހުގެ މިހާތަނަށް 126 ޖެޓު ރާއްޖެއަށް އައިސްފައިވޭ، އެހެންވީމަ މިއީ 110 ފަސަންޓުގެ އިންކްރީޒެއް މިދިޔަ މަހާ އަޅާ ބަލާއިރު، ވަރަށް ބާރަށް ޕިކްއަޕް ކުރަމުން މިދަނީ،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ކުރިއަށް އޮތް ޑިސެމްބަރުމަހުގެ ފަހުކޮޅު އެއަރޕޯޓަށް ގިނަ އަދަދެއްގެ ޕްރައިވެޓު ޖެޓުތައް އަންނާނެ ކަމަށް ލަފާކުރެވޭކަމަށެވެ. ހަސަން ފާހަގަކުރެއްވި ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ގިނަ އަދަދެއްގެ ޕްރައިވެޓު ޖެޓުތަށް އެއްފަހަރާ ޕާކު ކުރެވޭނެ ވަރުގެ ޖާގަ އެބަހުއްޓެވެ.

" އެންމެ ފުރަތަމަ ނޯތު އޭޕްރަންގަ ޖެޓުތައް ޕާކު ކުރަނީ، މިދިޔަ އަހަރުތެރޭ މިވަނީ އީސްޓު އޭޕްރަންގައިވެސް ޖެޓުތައް ޕާކު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި، ޖާގަ މިހާރު ވަރަށް ބޮޑަށް ތަނަސްވެފައިވަނީ،" ހަސަން ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށްބޮޑަށް އިތުރުވެގެންދެއެވެ. އެގޮތުން ބައެއް ދުވަސްތަކުގައި 15 ޖެޓްވެސް ޖައްސާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.