ޚަބަރު

ކަނޑިންމަ ރިސޯޓުން އިތުރު 2 މީހުން ޕޮޒިޓިވް


ކަނޑިންމަ ރިސޯޓުން ރޭ ކޯވިޑް-19އަށް ޓެސްޓުކުރި ސާމްޕަލް ތަކުގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރެޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެސެންޓަރުން ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ ރިސޯޓުގައި މަސައްކަތްކުރާ 2 މުވައްޒަފުންކަމަށެވެ. ރޭ ޓެސްޓުކުރި 33 ސާމްޕަލްގެތެރޭގައި ހިމެނެނީ އެރިސޯޓުގައި މަސައްކަތްކުރާ 12 މުވައްޒަފަކާއި ފުރުމުގެ ކުރިން ޓެސްޓު ހެދުމަށްޓަކައި ނަގާފައިވާ 21 ޑިޕާޗަރ ސާމްޕަލްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެސެންޓަރުން ވިދާޅުވީ އިތުރު 149 ސާމްޕަލް ނަގާފައިވާކަމަށާއި މި ސާމްޕަލްތައް މިރޭ ޓެސްޓުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޯވިޑް-19 ބަލީގައި ހާލުދެރަވެގެން އެރިސޯޓުން މިދިޔަ ހުކުރު ދުވަހުވަނީ މީހަކު ނިޔާވެފައެވެ. މި މީހާ ނިޔާވީ ދ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. ނަމަވެސް އެމީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ނިޔާވިފަހުން ނެގި ސާމްޕަލުންނެވެ.

ކަނޑިންމަ ރިސޯޓުން ބަލި ފެނުމާ ގުޅިގެން ދ.އަތޮޅު ހޮސްޕިޓަލުން ޚާއްސަ ޓީމެއް އެރިސޯޓަށް ގޮސްގެން ކޮންޓެކްޓް ޓްރޭސިންގއާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. ހޮނިހިރު ދުވަހު އެރަށުން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު އެރިސޯޓަށް އަރާފޭބުންވަނީ މަނާކޮށްފައެވެ.