ޚަބަރު

އެކައުންޓިންއާއި އޮޑިޓިންގ ދާއިރާ ރެގިއުލޭޓް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


އެކައުންޓިންއާއި އޮޑިޓިންގް ދާއިރާ ރެގިއުލޭޓް ކުރުމާ ގުޅެގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސްގެ ރައީސް މަޝްވަރާކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހިމް ޙަސަންއާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސްގެ ރައީސް ހަސަން ޒިޔަތު އާއި އެއިންސްޓިޓުއުޓްގެ ބައެއް ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ އެކައުންޓިންގ ކޮލިފިކޭޝަންތައް ވެލިޑޭޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއިއެކު މަސައްކަތްތައް ތަރުތީބުކޮށްގެން ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނެވެ. އަދި އެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ބޭނުންވާ އަދަދުތައް އިންސްޓިޓިއުޓްގެ މަސައްކަތުގެ ތެރެއިން ފާހަގަވާނަމަ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއާއި ހިއްސާކުރުން ވަރަށް މުހިންމު ކަމަށް މި ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ލޯން ސްކީމަށް ހުޅުވާލާއިރު އެކައުންޓިންގެ މިދާއިރާއިން މީހުންބިނާކުރުމަށް އިސްކަން ދެވޭނެކަމަށެވެ. އެކައުންޓިންގްގެ ދާއިރާއަކީ މިހާރުވެސް ނެޝަނަލް ސްކިލް ޝޯޓޭޖް ލިސްޓްގައި ހިމެނިފައިވާ ދާއިރާއެކެވެ.

މިނިސްޓަރ ވިދާޅުވީ އެކައުންޓިންގް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީއެއް ޤާނޫނަކުން ބާރުލިބިގެން އުފެދިގެން އައުމަކީ މިދާއިރާއިން ޕްރޮފެޝަނަލް މީހުން ބިނާކުރުމަށާއި މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ މުހިންމު ކަމެއްކަމަށެވެ.