މިޒަމާނުގައި ކޮންމެ ޤައުމަކަށްވެސް އެޤައުމެއްގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ އެހެން ޤައުމުތަކާއެކު މަސައްކަތް ކޮށްގެންކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ އެއްވެސް ޤައުމެއް އެކަނި އޮވެގެނެއް ސަލާމަތްތެރިކަމެއް ނުހޯދޭނެކަމަށާ، ކިތަންމެ ބޮޑު އަދި ކިތަންމެ ކުޑަ ޤައުމަކަށް ވެސް ސަލާމަތްތެރިކަން ހޯދޭނީ ޤައުމުތަކާއި އެކުގައި މަސައްކަތް ކޮށްގެންކަމަށެވެ.
އިންޑިއާ ކަނޑަށް ބަލާއިރު ރާއްޖެ އޮންނަނީ ސްޓްރެޓެޖިކަލީ މުހިންމު ހިސާބެއްގައިކަމަށާއި ޤައުމުތައް ގުޅިގެން މަސައްކުރުން ވަރަށް މުހިންމު ކަމަށް ޗީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވެސް ހަގީގަތުގައި ވަރަށް ބޮޑު. އަޅުގަނޑުމެންނަށް ވެސް ވަރަށް މުހިންމު އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަން. އޭގެ ތެރޭގައި ސްރީލަންކާ އާއި އިންޑިއާއާ ގުޅިގެން މި ސަރަހައްދަކީ ރައްކާތެރި އަދި ސަލާމަތްތެރި ސަރަހައްދެއް ކަމުގައި ހަދަން އެބަޖެހޭ." ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ ޤައުމީ ދިފާއީ ބާރުގައި އަސްކަރިއްޔާއެއްގެ ސިފަ ޖެހެން ފެށީ ނޮވެމްބަރު ތިނަކަށް ފަހުގައިކަމަށެވެ. އޭގެ އިތުރުން އެކި ޤައުމުތަކުން ތަމްރީނު ވުމައި ސީދާ އަސްކަރީ ތަމްރީނު ފުޅާ ދާއިރާއެއްގައި ހޯދުމާއި ހަތިޔާރު ހޯދުން ފަދަ ކަންކަން އޭގެފަހުން ކުރިއަށް ދިޔަކަމަށް ޝަމާލް ވިދާޅުވިއެވެ.
ނޮވެމްބަރު ތިނެއްގެ ހަނދާން އާ ކުރައްވަމުން ޝަމާލް ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަމަލާއާ ސިފައިން ކުރިމަތިލާން ޖެހުނުއިރު ދިވެހި ސިފައިން ތިބީ އެހާ ބޮޑު ކަމަކަށް ތައްޔާރަށް ނޫންކަމަށެވެ.