ވިޔަފާރި

3 ވަނަ ކުއާޓަރުގައި އެމްޓީޑީސީއަށް ސާފު ފައިދާގެ ގޮތުގައި 4.1 މިލިއަން ރުފިޔާ


މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީޑީސީއަށް ސާފު ފައިދާގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ތިންވަނަ ކުއާޓަރުގައި އެމްޓީޑީސީއަށް ސާފު ފައިދާގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 5.2 މިލިއަން ރުފިޔާއަށްވުރެ 19.9 އިންސައްތަ ދަށް އަދަދެކެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރގައި އެމްޓީޑީސީއަށް އާމްދަނީގެ ގޮތުގައި 881576 ޑޮލަރު ނުވަތަ 13.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 890620 ޑޮލަރު ނުވަތަ 13.7 މިލިއަން ރުފިޔާއެވެ.

އެންޓީޑީސީގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރގައި ކުންފުނީގެ އިދާރީ ޙަރަދުތައް ވަނީ އިތުރުވެފައެވެ. އެގޮތުން ތިންވަނަ ކުއާޓަރުގައިވަނީ އިދާރީ ކަންކަމަށް 3.1 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އިދާރީ ކަންތައްތަކަށް ޙަރަދުކޮށްފައިވާ އަދަދަށްވުރެ 57 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީޑީސީއިންވަނީ ކުންފުނި ހިންގުމަށް 4.6 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.