ރާއްޖޭގެ އެކި ސިނާޢަތްތަކަށާއި މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކޮށް އެކަމުން އަރައިގަތުމަށްޓަކައި ދިރާސާކުރައްވާ މީހުންގެ ވިސްނުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގެ ރިސާރޗް ޖާރަނަލް "ދަ މޯލްޑިވްސް ނެޝަނަލް ޖާރނަލް"ގެ ކޯވިޑް-19 އަށް ޚާއްސަކޮށްގެން ހަދާފައިވާ ދިރާސާ ނެރެދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ކޯވިޑް-19 އިގެ މިހާލަތަށް ބެލިކަމުގައި ވީނަމަވެސް ތަފާތު އެކި ދާއިރާތަކުން އެކި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށެވެ. ނަމަވެސް މިކަންތައްތަކުން އަރައިގަތުމަށްޓަކައި ދެން ކަންތައް ކުރަންވީ ގޮތްތަކާއި ސަމާލުކަންދޭންވީ ކަންކަން މިފަދަ ދިރާސާތަކުން އެނގިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ޢިލްމީ ދިރާސާތަކުގެ އަލީގައި ރާއްޖޭގެ އެކި ދާއިރާތަކަށް ކުރިއަށްގެންދިޔުމަށްޓަކައި ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި މިފަދަ ޙާލަތެއްގައި އިތުރަށް ސަމާލުކަންދޭންވީ ކަންތައްތަކަކީ ކޮބައިކަންވެސް އެނގިގެންދާނެ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.
އެގޮތުން ކޯވިޑް-19އިގެ މިހާލަތުގައި އިޖްތިމާޢީ ގޮތުން ލިބިގެންދިޔަ ގެއްލުންތަކުގެ ތެރެއިން ދަރިވަރުންނަށް ސްކޫލަށް ކިޔަވަން ނުދެވި ގޭތެރޭގައި ތިބުމުގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަނެ އެހީތެރިކަން ދޭންވީ ދާއިރާތައް މިދިރާސާތަކުގެ އަލީގައި އެނގިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިޤްތިޞާދީ ގޮތުން ރާއްޖެއަށް ލިބުނު ގެއްލުންތަކާއި ވަޒީފާތަކަށް ކުރިމަތިވަމުންދިޔަ ކަންތައްތަކުގެ އިތުރަށް ރާއްޖެ އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވައި މުއްސަނދިކަން އިތުރުކޮށް އިޤްތިޞާދު ހިފެހެއްޓުމަށްޓަކައި އިތުރަށް ކުރަން މުހިއްމު ކަންތައްތަކަކީ ކޮބައިތޯ މިފަދަ ދިރާސާތަކުން އެނގިގެން ދާނެ. ޤައުމަށް އެންމެ ބޭނުންތެރި ކަންތައްތަކަކީ ކޮބައިކަން ސާފުވެގެން އެބަދޭ. މި ދިރާސާގެ އަލީގައި ރަނގަޅު ކަންތައްތަކެއް ނިންމިއްޖެނަމަ ކުރިއަށް އޮތްތަނުގައި ފައިދާތަކެއް ކުރާނެ."ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.
ނައިބް ރައީސް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ހުރި މައްސަލަތަކަކީ ގިނަ ދިރާސާތަކެއް ކޮށް ޢިލްމީ ގޮތުން ބަލާ އެކަމަށް ހައްލެއް ހޯދުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަންތައްތައްކަމަށެވެ. އަދި މުޅި ޤައުމުގެ ދިގު ރާސްތާގެ ތަރައްޤީ ބިނާކުރެވޭނީ ޤައުމުގައި ހުންނަ ކަންކަން އެނގިގެންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބް ވަނީ ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މިހާރަށްވުރެ ބޮޑަށް އެކި ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށްފައެވެ.
ޤައުމީ ޔުނިވަރސިޓީގެ ރިސާރޗް ޖާރަނަލް–ދަ މޯލްޑިވްސް ނެޝަނަލް ޖާރނަލް އަކީ 2013 ވަނަ އަހަރުން ފެށިގެން އިލްމީ ދިރާސާތައް އިތުރުކުރުމަށް ހިތްވަރު ދިނުމަށާއި ދިރާސާ ޝާޢިޢުކުރުމުގެ ހިތްވަރުދިނުމުގެ ގޮތުން އަހަރަކު ދެ ފަހަރު ޤައުމީ ޔުނިވަރސިޓީން ޢިލްމީ މީހުންނަށް ހުޅުވާލައިގެން ލިބޭ ދިރާސާތައް މުރާޖަޢާ ކުރުމަށްފަހު ނެރޭ ޖާރނަލް އެކެވެ.