އުމުރުން ދުވަސްވީ މީހުންގެ ޤާނޫނެއް ވުޖޫދަށް ގެނައުމަށް ކުރަންޖެހޭ އިބްތިދާޢީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އދ.ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަތުމަށް ބާއްވާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު)ގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ އިސް ރައްވެހީންނަށް ނުވަތަ އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ހިމާޔަތްކޮށް އަނިޔާއާ އިހްމާލުން އެފަރާތްތައް ރައްކާތެރިކުރުމަށް މި ސަރުކާރުން ނުހަނު އަހަންމިއްޔަތުކަން ދެއްވާކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންގެ ގައުމީ ސިޔާސަތެއް އެކުލަވާލާ އުމުރުން ދުވަސްވީ މީހުންގެ ޤާނޫނެއް ވުޖޫދަށް ގެނައުމަށް ކުރަންޖެހޭ އިބްތިދާޢީ މަސައްކަތްތައް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އިސް ރަށްވެހީންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް ޚާއްސަކޮށްގެން ރާއްޖޭގެ ދެ ސަރަހައްދެއްގައި އެލްޑަރލީ ރެސިޑެންޓަލް ހޯމް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށެވެ.
"ކޯވިޑް-19އިގެ އާލަމީ ބަލިމަޑުކަމުގެ ތެރޭގައި މި ސަރުކާރުން ވަނީ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ރައްކާތެރިކަމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފަ. ޚާއްޞަކޮށް ދާންމަތިވެފައިވާ މީހުންނަށް ބޭނުންވާ ސިއްޙީ އަދި އެހެނިހެން ޚިދުމަތްތައް ލިއްބައިދޭތޯ ބަލައި އެކަން ކަށަވަރުކުރުމަށް ވަނީ މަސައްކަތްކޮށްފަ." ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ މީހުންގެ އިތުރަށް މި ސަރުކާރުން ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީ ވަޒީފާ އަދާކުރުމަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމަށް ގިނަ ފުރުޞަތުތަކެއް ހޯދައިދެމުން ދާކަން މިނިސްޓަރ ފާހަގުރެއްވިއެވެ. އަދި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ކުޅިވަރު ކުޅުމުގައި ޝާމިލްވެ އުޅެވޭނެ މަގު ފަހި ކޮށްދީފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އިންކްލޫސިވް ތައުލީމަށް ޚާއްސަ ކުރެވިފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމަށް މި ސަރުކާރުން ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ޚާއްސަ ޑިޕާޓްމަންޓެއް ގާއިމްކޮށްފަ. ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެ މަގު ފަހިކުރުމަށް ސްކޫލު އިމާރާތްތަކާއި އާންމު ދަތުރު ފަތުރުގެ ނިޒާމުގެ ތެރެއިން ވަނީ އިންތިޒާމް ތަކެއް ހަމަޖައްސާފަ." ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓަރ ވިދާޅުވީ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް މުރާޖަޢާކޮށް ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ދެމުން ގެންދާ އެލަވަންސާއި، އެހެނިހެން ޚިދުމަތްތަކަކީ އެފަރާތްތަކުގެ ބޭނުންތައް ފުއްދުމަށް އެންމެ އެކަށޭނަ މިންވަރެއްތޯ ބަލަމުންދާކަމަށެވެ. އަދި ޑިސްއެބިލިޓީ ކްލެސިފިކޭޝަން ގައިޑްލައިނެއް އެކުލަވާލުމާއި ނުކުޅުދުންތެރިކަން ހުންނަ މީހުންގެ މައުލޫމާތު ރައްކާކޮށް ބެލެހެއްޓޭނެ ހަރުދަނާ ރަޖިސްޓަރީއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.