ޚަބަރު

އުދަ އަރާފާނެތީ އެކަމަށް ފުލުުން ތައްޔާރުވަނީ


މި މަހު 28 ވަނަ ދުވަހު ހިފާ ހަނދުކޭތައާއި ގުޅިގެން ދިޔަވަރަށް ބަދަލުއައިސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައެރުމުގެ ފުރުޞަތު އޮތްކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، މާލެއާއި އަތޮޅުތަކުގައި ފުލުހުން މިއަދުން ފެށިގެން ތައްޔާރީ ހާލަތުގައި ތިބުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އަންގަވައިފިއެވެ. މިއަދުން ފެށިގެން ހުރިހާ ރަށެއްގައިވެސް، ޚާއްޞަކޮށް އުދައެރުމުގެ ނުރައްކާ ބޮޑުކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ރަށްރަށުގެ ކައުންސިލްތަކާއި، ރައްޔިތުނާއި ގުޅިގެން ފުލުހުން އެ ރަށްރަށުގެ ހާލަތު ވީހައިވެސް ގާތުން ބެއްލެވުމަށް ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑް މިވަގުތު ހިންގެވުމާ ޙަވާލުވެ ހުންނެވި، ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގެ ނޯތު ވިންގ ގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޟް މެދުވެރިކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މިއަދު ޑިވިޜަން ކޮމާންޑަރުންނަށާއި އަތޮޅު ކޮމާންޑަރުންނަށް ވަނީ އަންގަވާފައެވެ. އޭގެ އިތުރުން، އުދައެރުމުގެ ނުރައްކާ ބޮޑުކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ރަށްރަށަށުގެ ތެރެއިން، މިވަގުތު ފުލުހުން ޤާއިމްވެ ނެތް ރަށްރަށަށް ފުލުހުން ފޮނުވައިގެން، އުދަ އެރުންފަދަ ކަމެއް ކުރިމަތި ވެދާނެކަމަށްޓަކައި ފުލުހުން އިސްވެތިބެ ކައުންސިލްތަކާއި ރައްޔިތުންނާ ގުޅިގެން، ފަރުދީގޮތުންނާއި ރަށުފެންވަރުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ޑިވިޜަންތަކުގެ ކޮމާންޑަރުންނަށް ކޮމިޝަނަ ވަނީ އަންގަވާފައެވެ. އަދި ފުލުހުން ނެތް ރަށަކަށް އެފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ޑިވިޜަނަކުން ނުވަތަ އެ އަތޮޅަކުން އެންމެ ކައިރިން ފުލުހުންނަށް ދެވެންއޮތް ރަށަކުން ވީހާވެސް އަވަހަށް އެރަށަކަށް ގޮސް، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖައްސައި ތައްޔާރީ ހާލަތުގައި ތިބުމަށާއި، އެ މަޢުލޫމާތުތައް ހުރިހާ ސަރަހައްދަކުންވެސް ލަސްނުކޮށް ފޯރުކޮށްދެމުން ގެންދިއުމަށްވެސް ޑިވިޜަންތަކަށް ވަނީ އަންގަވާފައެވެ. މީގެއިތުރުން ދިޔަވަރު ބޮޑުވާނެކަމަށް މޫސުމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ ވަގުތުތަކުގައި ހުރިހާ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެލާރޓްގައި ތިބުމަށާއި، އެވަގުތުތަކުގައި ޕޮލިސް ސްޓޭޝަންތައް އެލާޓް ސްޓޭޓަސްގައި މަސައްކަތް ކުރުމަށްވެސް ކޮމިޝަނަރ ވަނީ އެދިވަޑައިގެންފައެވެ.