ޚަބަރު

އުދަ އަރާފާނެކަމަށް ވަކި ރަށެއް ފާހަގަކުރުމަކީ ވާނެކަމެއް ނޫން


އުދަ އަރާނެކަމަށް ބުނެ މީޑިއާތަކުގައި މިހާރު މީޑިއާތަކުގައި ދައުރު ވަމުންދާ ލިސްޓަކީ، ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިފަދަ ހާދިސާތަކަށް ރޭވުންތެރިކަމާއި އެކު ތައްޔާރު ވުމުގެ ގޮތުން އެކުލަވާލައިފައިވާ ލިސްޓެއެއް ކަމަށް އެ ސެންޓަރުން ހާމަކޮށްފިއެވެ. މި ހިނގާ ސެޕްޓެމްބަރު މަހުގެ 27 - 30 އާއި ދެމެދު ރާއްޖޭގެ 44 ރަށަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑުކަމަށް އާންމުކޮށްފައިވާ ކަމަށް ބައެއް މީޑިއާ ތަކުގައި ފެތުރޭ ލިސްޓާއި ގުޅިގެން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ސެޕްޓެމްބަރު 28 ވަނަ ދުވަހު ހިފާ ކޭތައާއި ގުޅިގެން ވަކި ރަށަކަށް އުދައަރާނެ ކަން ނުވަތަ ނޫން ކަން ކަނޑައެޅުމަކީ ޤުދުރަތީ މިފަދަ ހާދިސާތަކުގައި ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ކޭތައިގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އުދައަރާފާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސްއިން ލަފާކޮށްފައިވާތީ، ރަށު ފެންވަރުގަޔާއި އަދި ފަރުދީ ފެންވަރުގައި އުދައަރާފާނެ ކަމަށް ވީ އެންމެ ފުރިހަމަ އަށް ތައްޔާރުވެތިބުމަށް އެސެންޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ. ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ މިފަދަ ޤުދުރަތީ ހާދިސާތަކުގައި އެންމެ ރަގަޅު ގޮތަކީ، ދުރާލާ ތައްޔާރުވުމާއިއެކު ކަމާއި ގުޅުންހުރި ދާއިރާތަކުން ފޯރުކޮށްދޭ ސައްޙަ މަޢުލޫމާތު ތަކަށް ސަމާލުވެތިބުން ކަމަށެވެ. އަދި އުދަ އާއި ގުޅިގެން އެ ސެންޓަރުގެ ފަރާތުން ފޯރުކޮށްދޭ މަޢުލޫމާތު މީޑިއާތަކަށް ރަސްމީކޮށް ހިއްސާކުރެވޭނެކަމަށްވެސް އެ ސެންޓަރުން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އުދައާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ކަމުގައިވާނަމަ އެ ސެންޓަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށްވެސް ޑިޒާސްޓައިން ނެރެފައިވާ ބަޔާނުގައި ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިހާރު އާއްމުވެފައިވާ ލިސްޓުގައިވާ މަޢުލޫމާތު މީޑިއާތަކުން އެ ސެންޓަރުގެ ފަންނީ ލަފަޔާއި ނުލާ މާނަ ނުކުރެއްވުމަށްވެސް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ނެރެފައިވާ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.