ޚަބަރު

ސަލްޓަން ޕާކް އަންނަ ހޮނިހިރު ދުވަހު ހުޅުވަނީ


ކޯވިޑް-19 އާ ގުޅިގެން ބަންދުކުރުމަށްފަހު އަންނަ ހޮނިހިރުދުވަހު ސަލްޓަން ޕާކް ހުޅުވަން ނިންމައިފިއެވެ.

މި ޕާކް ހުޅުވަން ނިންމާފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށެވެ. ސިޓީ ކައުންސިލުން ވިދާޅުވީ ސަލްޓަންޕާކް މިވަގުތު ހުޅުވަނީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެންކަމަށާއި ޕާކްތަކަށް ކުޑަކުދިން ގެންދިޔުމާ ގުޅޭގޮތުން އެޗްޕީއޭއިން ވަކި ގޮތެއް އެންގުމުން އެ ފުރުޞަތުވެސް ހުޅުވާލާނެކަމަށެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ސަލްޓަން ޕާކް އަލުން ހުޅުވަނީ މަރާމާތަށްފަހު ކަމަށާއި އެތަނުގައި ހަލާކުވެފައިވާ ގަސްތައް ނަގާ އެހެންގަސްތައް ހެއްދުމުގެ މަސައްކަތްވެސް ކުރަމުންއަންނަކަމަށެވެ. އަދި މިވަގުތު އެޕާކް ހުޅުވަނީ ކޯވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުކަމަށެވެ.

ސަލްޓަން ޕާކް ވިރާނާވުމަށް ދޫކޮށްލާފައިވާކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވާ ސިޓީ ކައުންސިލުން ވިދާޅުވީ އެތަން ބަލަހައްޓަމުން އަންނަކަމަށެވެ. އެގޮތުން މިހާރުވެސް 40 އަށްވުރެ ގިނަ މުވައްޒަފުން އެތަން ބަލަހައްޓަން ތިބޭކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތު ރަނގަޅުވުމުން މިހާރަށްވުރެ ބޮޑަށް ޕާކް ތަރައްޤީކުރުމަށް އިސްކަންދޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް މާލެ ސަރަހައްދުގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކޮށްފައި ވަނީ މާރޗްމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ކޯވިޑް-19 ގެ ހާލަތަށް ބެލުމަށްފަހު ޕާކްތައް އަލުން ހުޅުވާއިރު އެތަންތަނަށް މާސްކުއަޅައިގެން ދިއުމާއި، ކޮންމެ ދުވަހަކު އެއްފަހަރު ސާފުކުރަންޖެހޭގޮތަށްވަނީ ކަނޑައަޅާފައެވެ.

ޕާކްތަކާއި މައިޒާންތައް ހުޅުވާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ އުސޫލުގައިވާގޮތުން ކޯވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު (މާސްކް އެޅުން، މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓުން، ޢަތުގެ ސާފުތާހިރުކަން) ފަދަ ކަންކަން ޕާކު ނުވަތު މައިޒާނަށް ވަންނަ ދޮރު ކައިރީގައާއި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ.