ޓެރަރިޒަމްގެ އަމަލެއް ހިންގަންއުޅުނުކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ ވި މައްސަލައިގައި ރޭ ތ.ތިމަރަފުށިން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއާއެކު މި މައްސަލައިގައި ޖުމުލަ 6 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން އެ އަމަލު ހުއްޓުވައި ޙާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިކަމާއި ގުޅިގެން ފުލުހުން މިހާރު ހަރަކާތްތެރިވަމުން ދަނީ މާލެއާއި މާލެ އަތޮޅު ކަނޑުމައްޗާއި ތ. ތިމަރަފުށީގައިކަމަށެވެ. މި އޮޕަރޭޝަންގައި މާލެއިން އެކަކު، އަދި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކު އަދި ތިމަރަފުށިން މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ ކުރިން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ މީހަކަާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި އެންމެންނަކީވެސް ދިވެހި ފިިރިހެނުންކަމަށެވެ.
ޕީއެސްއެމްނިއުސްއަށް ދެއްވި ބަސްދީގަތުމުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ތިމަރަފުށިން ހައްޔަރުކޮށްފައި ވަނީ އެކަމުގައި އެރަށުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މީހާކަމަށެވެ. އަދި މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދޯންޏެއް ގެނެސްފައިވާ ކަމަށާއި އިތުރުތަންތަން ބަލައި ފާސްކުރަމުން ދާކަމުގައިވެސް ރިޔާޒު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ހަރުކަށި ފިކުރުގެ މީހުން ހިންގުމަށް ރާވަމުން ދިޔަ ޓެރަރިޒަމްގެ އަމަލުތަކެއް ފުލުހުން ހުއްޓުވާފައި ވެއެވެ.