މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 997 ފަތުރުވެރިން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް 15 އެއަރލައިންއަކުން ދަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.
ރާއްޖެއަށް އަލުން ދަތުރުތައް ފަށާ އެއަރލައިންތައް އިތުރުވަމުންދާއިރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 117 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ. ސެޕްޓެމްބަރުމަހު ކޮންމެ ދުވަހަކު އެވްރެޖްކޮށް 318 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އޮކްޓޫބަރުމަހު މި އަދަދު ހުރީ 694 ގައެވެ. އަދި މިމަހުގެ މިހާތަނަށް މިއަހަރު މިހާރުވަނީ 997 އަށް އަރާފައެވެ.
މީގެކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރވަނީ ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަ ފަތުރުވެރިންގެ އަދަދު 1250 އަށް އެރުވުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދުތަކާއެކު މި އަމާޒް ހާސިލްވާނެކަމުގެ އުއްމީދު ބޮޑެވެ.
ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް ވަނީ ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ ފަނަރަވަނަ ދުވަހުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 51354 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ބޯޑަރު ހުޅުވާލުމާއިއެކު ޖުލައިމަހު 1752 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، އޮގަސްޓްމަހު 7628 ފަތުރުވެރިން އަދި ސެޕްޓެމްބަރމަހު 9538 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި އޮކްޓޫބަރުމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 21،515 ފަތުރުވެރިންނެވެ.
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 11240 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. 4468 ފަތުރުވެރިންނާއެކު ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އެމެރިކާއިންނެވެ. އެޤައުމުން ރާއްޖެއަށް 3927 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.