ކޯވިޑް-19 އާއި ގުޅިގެން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިހާތަނަށް 321 މިިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދަނީ ލޯނު ދޫކުރަމުންނެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީ މެދުވެރިކޮށް 1929 ފަރާތަކަށް 321.9 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1322 ވިޔަފާރިއަކަށް ދޫކޮށްފައިވާ 303.6 މިލިއަން ރުފިޔާއާއި އަމިއްލަ މަސައްކަތްކުރާ 607 ފަރާތަކަށް ދޫކުރި 18.3 މިލިއަން ރުފިޔާ ހިމެނެއެވެ.
ކޯވިޑް-19 ވިޔަފާރި އެހީގެ ދަށުން ކަނބަލުން ހިންގާ ވިޔަފާރިތަކަށްވެސް އެސްޑީއެފްސީން ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރިތައް ހިންގާ ކަނބަލުންނަށްވެސް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 559 ކަނބަލަކަށް 114.7 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.
ކޯވިޑް-19އާ ގުޅިގެން އެސްޑީއެފްސީން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މުދާ ވިއްކުމުގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ. އެގޮތުން އެދާއިރާގައި ހަރަކާތްތެރިވާ 809 ފަރާތަކަށްވަނީ 193.6 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ދެވަނައަށް އެންމެ ބޮޑު އަދަދަކުން ލޯން ދޫކޮށްފައިވަނީ އިމާރާތްކުރުމުގެ ސިނާއަތަށެވެ. އެއީ 58.7 މިލިއަން ރުފިޔާއެވެ. އަދި ފަތުރުވެރިކަމަށް 54.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.