ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު މިދިޔަ މަހު ކުޑަކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް އިތުރުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާގެ މައްސަލައިގެ ގޮތުގައި 106 މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް އޮކްޓޫބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައި ވަނީ މިބާވަތުގެ 135 މައްސަލައެވެ. އޮކްޓޫބަރު މަހު އެމިނިސްޓްރީއަށް ޖުމުލަ 257 މައްސަލަ ވަނީ ހުށަހަޅާފައެވެ.
އޮކްޓޫބަރު މަހުގެ ތަފާސް ހިސާބަށް ބަލާއިރު ކުޑަކުދިންނަށްކުރާ އަނިޔާގެތެރެއިން އެންމެ ގިނައިން ހުށައަޅާފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މިބާވަތުގެ 43 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން ޖިންސީ ހާނިއްކައިގެ 38 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 24 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 9 މައްސަލައަކާއި ގެވެށި އަނިޔާގެ ޢަމަލެއް ހިންގާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލައެއްގެއިތުރުން އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުމުގެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ނަހަމަގޮތުގައި ކުދިން ބޭނުންކުރުމުގެ 4 މައްސަލައެއްވެސް އެމިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންގެ މައްސަލަތަކުގެތެރޭގައި ކުދިންގެ އަޚުލާގާ ގުޅުންހުރި 12 މައްސަލައަކާއި އެކިބާވަތުގެ ކުށްކުރާ ކުދިންގެ 9 މައްސަލައަކާއި ކުޑަކުދިންގެ ޙައްގުތަކުން ކުދިން މަޙުރޫމްކުރުމުގެ 2 މައްސަލައެއްވެސް ޖެންޑަރ މިނިސްޓްރީއަށް މިދިޔަމަހު ވަނީ ހުށަހަޅާފައެވެ.
މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 40 މައްސަލައެއް ހިމެނެއެވެ. މިބާތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާގެ 11 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 20 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލަ އާއި އިހުމާލުވުމުގެ 2 މައްސަލައެއްވެސް ހިމެނެއެވެ.
މިދިޔަ މަހު ޢާއިލީ މައްސަލަތަކުގެ ގޮތުގައި ހިމެނޭ 36 މައްސަލައެއް ހުށައަޅާފައި ވާއިރު އޭގެތެރޭގައި ހިމެނެނީ ހަޟާނަތާ ގުޅޭ 18 މައްސަލައަކާއި ދަރިންނަށް ޚަރަދު ދިނުމާ ގުޅޭ 8 މައްސަލަކާއި ކުދިން ބެލުމުގައި ޖެހުނު 10 މައްސަލައެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޢުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 16 މައްސަލައެއް މިދިޔަ މަހުވަނީ ހުށައަޅާފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 12 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 4 މައްސަލައެވެ. މީގެ އިތުރުން އޮކްޓޫބަރު މަހު ޖެންޑަރ މިނިސްޓްރީން ވަނީ އަމިއްލަ ނަފްސަށް އަނިޔާދިނުމާއި ގުޅޭ 7 މައްސަލައެއްވެސް ހުށައެޅި ބަލާފައި ވެއެވެ.