ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެ ކުދިންގެ ޚިޔާލާއި ބައިވެރިވުން ބޭނުންވާކަމަށާއި، އެ ކަންކަމާމެދު ވާހަކަ ދައްކައި، ވަކާލާތުކުރުމުގެ ފުރުޞަތު އެ ކުދިންނަށް ލިއްބައިދިނުމަކީ މުޅި މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބާ އާއި ގުޅުވައިގެން އޮންލައިންކޮށް ބޭއްވި، ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި އެ ކުދިންގެ ބައިވެރިވުން ހޯދުމާ ގުޅޭ ކޮންސަލްޓޭޝަން ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މި ރަސްމިއްޔާތުގައި ސްކޫލުތަކުގެ ދަރިވަރުން ހުށަހަޅައިދިން ޕްރެޒެންޓޭޝަނާއި، ދިން މަޢުލޫމާތުގެ ފުރިހަމަކަށް ފާހަގަކުރައްވައި، އެ ކުދިންނަށް ތަޢުރީފު ކުރައްވާފައެވެ. އަދި، ޕްރެޒެންޓޭޝަންގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވަނީ، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށްދޭ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަމަށެވެ.
މީގެ އިތުރުން، މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މައިންބަފައިންނާއި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ސްކިލް މެނޭޖްމަންޓް ޕްރޮގްރާމްތައް ހިންގަންޖެހޭ ކަމަށާއި، ސަޕޯޓް ގްރޫޕް ފަދަ ވަޞީލަތްތަކުގެ ބޭނުން ހިފުމުގެ މުހިންމު ކަން ވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ. މާދަމާ ޢަމަލުކުރަން ފަށާ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ މައްޗަށް ވެސް އެ ކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައި ލެއްވިއެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މިފަދަ ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ކުޑަކުދިންނަށް ގޮވައިލައްވައި، އެ ކުދިންގެ ޙައްޤުތަކުގެ ދިފާޢުގައި ވާހަކަ ދައްކައި އަޑު އުފުލުމަށް ނަޞޭހަތްތެރިވެ ވަޑައިގަންނަވާފައެވެ. އަދި، ކޮންމެ ޙައްޤަކާއެކު ޒިންމާތަކެއް ވެސް އެ ކުދިންގެ ކޮނޑުގައި އެޅޭކަން ހަނދުމަކޮށްދެއްވައި، އެ ޒިންމާތަކަށް އެންމެ ފުރިހަމަ ގޮތުގައި އިޙުތިރާމު ކުރުމަށް ވެސް އެ ކަމަނާގެ ވާހަކަފުޅުގައި ކުޑަކުދިންނަށް ގޮވައިލެއްވިއެވެ.
މި ކޮންސަލްޓޭޝަން ޕްރޮގްރާމަކީ އެޑްވޮކޭޓިންގ ދި ރައިޓްސް އޮފް ޗިލްޑްރަން (އާރކް) އާއި ޔުނިސެފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގުޅޭގޮތުން އެ ކުދިންގެ ޚިޔާލު ހޯދައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެ ކުދިންގެ ބައިވެރިވުމާއި ޚިޔާލު ހޯދައި، އެ ކަންކަމާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.