ޚަބަރު

ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު 6 ކުންފުންޏަކަށްދީފި


ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ އިތުރު 6 ކުންފުންޏަކަށް ދީފިއެވެ.

މި ކުންފުނިތަކަށް ހުއްދަ ދީފައިވަނީ ދިވެހި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުޞޫލުގެ 4 ވަނަ މާއްދާގެ (ށ)ގެ ދަށުން 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތައް:

  • ޤުބާ ޕްރައިވެޓް ލިމިޓެޑް
  • އެމް.އެސް ހައްޖު އެންޑް ޢުމްރާ
  • ޢުއްމުލްޤުރާ ލިލްޙައްޖު ވަލްޢުމްރާ ޕްރައިވެޓް ލިމިޑެޓް
  • ޞިރާތު ޢުމްރާ ޕްރައިވެޓް ލިމިޓެޑް
  • އަސްކޮއި ޙައްޖު ޢުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑް
  • ރޯޔަލް ހައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޑެޓް

މި ކުންފުނިތަކާއެކު މިހާތަަނަށް ޖުމުލަ 37 ކުންފުންޏަކަށް މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ކޯވިޑް-19 ގެ ސަބަބުން ކުންފުނިތަކުން ޢުމްރާއަށް މީހުން ނުގެންދެވުމުގެ ސަބަބުން އެ ކުންފުނިތަކަށް ދީފައިވާ މުއްދަތު އިތުރުކޮށްދީފައެވެ. އެގޮތުން އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން އެއް އަހަރުދުވަހަށް އިތުރުކޮށްދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ފަހުން އެކުލަވާލި އުޞޫލުގައި ވާގޮތުން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދެވޭނީ އެކަމަށް އެދޭ ކުންފުނީގެ ޑިރެކްޓަރެއްގެ މައްޗަށް އެކަމަށް އެދޭ ދުވަހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައި ނުވާނަމައެވެ. އަދި ޢުމްރާއަށް މީހުން ގެންދަން ހުއްދަ ދޭ ފަހުން ކުންފުނީގެ ޑިރެކްޓަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ، އެކަމެއްގެ ކުޑަބޮޑު މިނަށް ބަލައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ޝަރުތުތަކެއް އެ ކުންފުންޏަކުން ފުރިހަމަ ކުރަން ޖެހޭ ގޮތަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ. އެ ޝަރުތުތައް ފުރިހަމަ ނުކޮށްފިނަމަ އެ ކުންފުންޏަކަށް ދޫކުރި ހުއްދަ ބާޠިލް ކުރެވޭނެ ކަމަށްވެސް އެ އުސޫލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އައު އުސޫލްގައިވާގޮތުން އުމްރާއަށް މީހުން ގެންދަން ހުއްދަ ދޭތާ 15 ދުވަހުގެ ތެރޭގައި އެ ކުންފުންޏެއްގެ އޮފީސް ހުޅުވަންޖެހެއެވެ. އަދި ކުރިން އުސޫލު އޮތްގޮތުން ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަނީ ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި އިސްލާމިކް މިނިސްޓްރީ ހިމެނޭ ގޮތަށް ފަސް މެމްބަރުންގެ ކޮމެޓީއަކުންނެވެ. ނަމަވެސް މިހާރު ގެނެސްފައިވާ އިސްލާހުގައިވާގޮތުން ޕްރޮޕޯސަލްތައް ޗެކް ކުރާނީ އިސްލާމިކް މިނިސްޓްރީންނެވެ.

މީގެ އިތުރުން ޢުމްރާއަށް ގެންދިޔުމުގެ ޙުއްދަ ލިބުމާއެކު "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ދަފުތަރު" ގައި ރަޖިސްޓަރީކޮށް ފީގެ ގޮތުގައި ފަންސަވީސް ހާސް ރުފިޔާ ދައްކަންޖެހޭ ގޮތަށްވެސް ވަނީ ކަނޑައަޅާފައެވެ.