ކޯވިޑް-19

ކޯވިޑް-19 : މާފުށިން ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިން ބަލިން ރަނގަޅުވެއްޖެ


ކ. މާފުށިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިންވެސް މިހާރު އެ ބަލިން ރަނގަޅުވެފައިވާކަމަށް މާފުށީ ޞިއްޙީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

މާފުށީ ޞިއްޙީ މަރުކަޒުން ވިދާޅުވީ، އެ ރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވި 5 ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ މިއަދު ބަލިން ރަނގަޅުވެފައިވާކަމަށެވެ. އަދި އޭނާ ރަނގަޅުވުމާގުޅިގެން މިހާރު ދޫކޮށްލާފައިވާކަމަށާއި، މިވަގުތު މާފުށީގައި ކޯވިޑް-19ގެ އެއްވެސް އެކްޓިވް ކޭސްއެއް ނެތްކަމަށްވެސް މާފުށީ ޞިއްޙީ މަރުކަޒުން ވިދާޅުވެއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގަމުންދާ މާފުށިން 5 ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މިކަމާގުޅިގެން އެ ރަށުގައި ބަލި ފެތުރިފައިވޭތޯ ދެނެގަތުމަށް ނެގި 85 ރެންޑަމް ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް މާފުށީ ޞިއްޙީ މަރުކަޒުން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ރާއްޖޭގެ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން މި ސިނާއަތް ފަތުރުވެރިންނަށް ހުޅުވާލާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ. ގެސްޓްހައުސް ސިނާއަތް ހުޅުވާލުމާއިއެކު އެންމެ ފުރަތަމަ ފަތުރުވެރިންގެ ބަޔަކު އައިސްފައިވަނީވެސް މާފުއްޓަށެވެ. މާފުއްޓަކީ ލޯކަލް ޓޫރިޒަމްގައި މިއަދު ރާއްޖޭގައި އެންމެ ކުރިއަރާފައިވާ އެއްރަށެވެ.