ޚަބަރު

ސަލްޓަން ޕާކްގައި އިސްރަށްވެހިންނަށް ފޮތް ކިޔޭނެ އިންތިޒާމް ހަމަޖައްސަނީ


އިސްރަށްވެހިންނަށް ފޮތް ކިޔުމަށްޓަކައި ސަލްޓަންޕާކުގައި ވަކި ސަރަހައްދެއް ހެދުމަށްޓަކައި ޤައުމީ ކުތުބުޚާނާއިން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްވަމުން މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުހުސިން ވިދާޅުވީ ކުތުބުޚާނާ އާއި އިންވެގެން އޮންނަ ސަލްޓަން ޕާކްގައި ފޮތް ކިޔަން ތިބެވޭނެ ގޮތަށް އިސްރަށްވެހިންނަށް ތަނެއް ޚާއްސަކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

މިގޮތުން ސަލްޓަން ޕާކުން ސަރަޙައްދެއް އެ މަސައްކަތައް ދިނުމަށް އެދި ސިޓީ ކައުންސިލާއިއެކު މަޝްވަރާކުރަމުން އަންނަކަމަށް މުހުސިން ވިދާޅުވިއެވެ. މުހުސިން ވިދާޅުވީ އެ ސަރަޙައްދު އިސްރަށްވެހިންނަށް ޚާއްސަ ކުރިނަމަވެސް ހުރިހާ އުމުރުފުރާގެ މީހުންނަށްވެސް ވަދެވޭނެކަމަށެވެ.

މިގޮތުން އެފަދަ ތަނެއް ހެދުމުގެ މައިގަނޑު ބޭނުމަކީ، އސްރަށްވެހިންނަށް މިފަދަ މާހައުލެއްގައި ފޮތް ކިޔުމުގެ އިންތިޒާމްގެ އިތުރުން ދުވަސްވީ މަޢޫލޫމާތުތަކާއި އިސްރައްވެހިންގެ ތަޖުރިބާތައް ޒުވާންނުނާއި ކުޑަކުދިންނަށް ކިޔަދިނުންކަމަށެވެ.

މުހުސިން ވިދާޅުވީ އިސްރަށްވެހިންނަށް ޚާއްސަ ކުރާ ސަރަހައްދުގައި އެކިޒާތުގެ ފޮތްތައް ބަހައްޓާފައި ހުންނާނެ ކަމަށާއި ލައިބްރަރީންވެސް ފޮތް ނެގޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދު ބޮޑަށް ޚާއްސަ ކުރަނީ މުޖުތަމައަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޒުވާނުންނަށް ދަރުސްތައް ދިނުމާއި އިސްރައްވެހިންގެ ތަޖުރިބާތަކާއި އެމީހުންގެ ހުނަރުތައް ކިޔައިދިނުމަށް ކަމަށެވެ.

ޤައުމީ ކުތުބުޚާނާއި އިސްރަށްވެހިންނަށް ޚާއްސަ ލައިބްރަރީއެއް ހެދުމަށް ނިންމާފައި ވާއިރު މާލޭގެ ދެ ސަރަހައްދެއްގައި ސްޓްރީޓް ލައިބްރީއެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ލައިބްރަރީން މިހާރު ވަނީ މުޅިން އަލަށް ދެ ޚިދުމަތެއްވެސް ފަށާފައެވެ.