ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ


ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން، މެދުރާއްޖެތެރެއަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެ ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓުއާއި 6 ފޫޓާ ދެމެދުއެވެ. އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާ ބޭހެ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ މޫސުން ގޯސްވަމުންދާތީ އެކިވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މެޓުންދަނީ އެލަރޓް ނެރެމުންނެވެ. އެގޮތުން މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލަރޓް ނެރެފައިވެއެވެ.