ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ހާލުކޮޅު ބަލާލުމަށް ގިނަ ޢަދަދެއްގެ ބަޔަކު އެކަމާނާގެ އަރިހަށް ޒިޔާރަތްކޮށްފިއެވެ. ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވި ލޯންޗުކޮޅުގައި މިދިޔަ ހޯމަ ދުވަހު އެއްޗެއް ގޮވާ ހިނގި މި ހާދިސާގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި އަނިޔާއަށް ފަރުވާ ހޯއްދެވުމަށްޓަކައި އެކަމަނާވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.އެކަމަނާ އެޑްމިޓް ކުރީން ސުރެއް ކޮންމެ ދުވަހަކުވެސް، އެކަމަނާއަށް ހެޔޮއެދޭ އެކިފަރާތްތަކުން ޒިޔާރަތްކޮށް ހަދައެވެ. މިގޮތުން އިއްޔެ އެކަނިވެސް އެކަމަނާގެ އަރިހަށް ދުއިސައްތަ އަށްޑިހައަށް ވުރެއް ގިނަމީހުން ޒިޔާރަތްކުރިއެވެ. އިއްޔެ ހަވީރު އެކަމަނާގެ އަރިހަށް ޒިޔާރަތް ކުރި މީހުން އައީ ހުދު ފިނިފެންމާ ހިފައިގެން ކަމަށް މެޑަމް ފާތިމަތު އިބްރާހިމްގެ ސެކެރެޓަރީ ވިދާޅުވިއެވެ. އަދި އެކަމަނާ އަރިހަށް ޒިޔާރަތްކުރި މީހުން ވަނީ އެކަމަނާއަށް ހެޔޮދުއާއަށްކޮށް އަވަސް ޝިފާއަކަށް އެދިފައެވެ.މިހާދިސާގައި އަނިޔާވެގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ އާއި ބޮޑީގާޑެއްވެސް އެޑްމިޓްކުރިއިރު، މީގެ ތެރޭން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އަނޑަރ ސެކެޓްރީ ފާޠިމަތު މުހައްމަދު ޞާލިޙްގެ ފަޔަށް މިހާދިސާގައި ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށްފަހު މިއަދު ދޫކޮށްލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއެވެ.