ތިމާވެށި

ހުޅުލެ-ހުޅުމާލޭ ލިންކް ރޯޑުގައި ސޯލަރ ހަރުކުރުން - އަހަރަކު 20 މިލިއަން ރުފިޔާ ސަލާމަތްވާނެ


ކަރަންޓު އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އަދި މި ސިޔާސަތު ތަންފީޒުކޮށް، ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ހުޅުލެ ހުޅުމާލޭ ލިންކް ރޯޑުގައި ސޯލަރ ޕީވީ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތަކީ މިގޮތުން ފާހަގަކޮށްލެވޭ މަސައްކަތެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާއިރު، މިއީ އީއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އަނެއްކާވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ވޯލްޑް ބޭންކާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ގުޅިގެން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހުޅުލެ – ހުޅުމާލޭ ލިންކް ރޯޑްގައި ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކުރުމަށް ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑައީއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އިމްޕިލިމެންޓޭޝަން އެގްރީމެންޓެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި އެންސިން ކުންފުނިން ވަނީ ސްޓެލްކޯއާއެކު ޕަވަރ ޕާރޗޭސް އެގްރީމެންޓްގައިވެސް ސޮއިކޮށްފައެވެ.

އެސްޕަޔަރގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުލެ ހުޅުމާލޭގައި 5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރަން ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ފަންނީ އަދި މާލީ ޤާބިލުކަމަށް ބަލައި އަދި އޭގެ އިތުރުން އެންމެ ކުޑަ އަގެއް ހުށަހެޅީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުންނެވެ. އެކުންފުނިން ހުޅުލެ އަދި ހުޅުމާލޭ ގުޅޭ ލިންކް ރޯޑުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ޤާއިމުކޮށް އޭގެއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ.

އެސްޕަޔަރގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ. އެހެންކަމުން މި ސޮއިކުރެވުނު އެއްބަސްވުމާއެކު 5 މެގަވޮޓްގެ ސޯލާއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ގަންނަން ލިބެނީ މީގެ ކުރީން ސޯލަރ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގައިކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ އިންޖިނިއަރ އަކްރަމް ވަޙީދު ވިދާޅުވީ، އެސްޕަޔަރގެ 2 ވަނަ ފިޔަވަހިން އެކަނިވެސް ދައުލަތުން ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އެގޮތުން މި ފިޔަވަހީގެ 5 މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަނާއި 20 މިލިއަން އަހަރަކު ރައްކާކުރެވޭނެކަމަށް އަކްރަމް ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓުން ލިބޭނެ މައިގަނޑު އެންމެ ބޮޑު ފައިދާއަކީ މީގެ ސަބަބުން ތެލަށް ކުރާ ޚަރަދުކުޑަވެގެން ދިއުން. އެގޮތުން އަހަރެއްގެ މައްޗަށް 2 މިލިއަން ލީޓަރުގެ ޑީސެލް ސަލާމަތްކުރެވި ގާތްގަނޑަކަށް 20 އަކަށް މިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް ސޭވްވެގެންދާނެ. މި ސޯލަރތައް އިންސްޓޯލްކުރާނީ ލިންކުރޯޑުގެ ބޮޑުބަޔަކާއި، ހުޅުމާލޭގެ ބައެއް ޕަބްލިކް ޢިމާރާތްތަކުގެ ފުރާޅުގައި" އަކްރަމް ވިދާޅުވިއެވެ.

5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ޤާއިމުކުރާ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސޯލަރ ޕީވީގެ ނިޒާމް ޤާއިމުކޮށްފައިވާ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއްވެއްޖެ ހާލަތެއްގައި ސްޓަރަކްޗަރ މަރާމާތުކޮށް ބެލެހެއްޓުމަކީ ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރާ ކުންފުނީގެ ޒިންމާއެއްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ހުޅުލެ – ހުޅުމާލެ ލިންކް ރޯޑުގައި ޤާއިމުކުރާ 5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމެގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރުގެ ކުރީކޮޅުކަމަށެވެ. އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) މަޝްރޫޢަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާރލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫޢެކެވެ.