ޚަބަރު

އަންނަ އަހަރު ހުރިހާ ސްކޫލެއްގައިވެސް ހެނދުނުގެ ނާސްތާއަށް ބޭނުންކުރާނީ އެއް މެނޫއެއް


އަންނަ އަހަރު ހުރިހާ ސްކޫލެއްގައިވެސް ބޭނުން ކުރާނީ އެއް ނާސްތާ މެނޫކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުގެ "އަދުގެ ރާއްޖެ" ޕްރޮގްރަމްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މޫސާ ނަޢީމް ވިދާޅުވީ އަންނަ އަހަރުގެ ކިޔެވުން ފެށޭއިރު ކުރިން ބޭނުންކުރަމުންދިޔަ 19 ނާސްތާ މެނޫ ކެންސަލް ކުރާނެކަމަށާއި އޭގެ ބަދަލުގައި ހުރިހާ ސްކުލެއްގައިވެސް ބޭނުން ކުރާނީ އެއް މެނޫކަމަށެވެ. އެގޮތުން އެ މެނޫގައި ހިމެނޭނީ ކިރާއި، ބިސް އަދި ދޮންކެޔޮކަމަށް އޭނާ ވިދާޅުވިއެވެ. މޫސާ ނަޢީމް ވިދާޅުވީ އަންނަ އަހަރުގެ ކިޔެވުން ފަށާއިރު ސްކޫލަށްދާ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށްވެސް ނާސްތާ ލިބޭނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމަށް ބަދަލުގެނައުމަށް ނިންމަވާފައިވަނީ ކޯވިޑް-19ގެ މި ދަނޑިވަޅާ ގުޅިގެން ދަރިވަރުންގެ ސިއްޙަތު ރައްކާތެރިވުމުގެ ގޮތުންކަމަށެވެ. އަދި މި ބަދަލާއެކު އިސްރާފް ކުރުމުގެ ބައި ކުޑަކުރެވި ދަރިވަރުންނަށް މިންހެޔޮ ކާނާއެއް ފޮރުކޮށްދެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ނާސްތާ ޕްރޮގްރާމްގެސަބަބުން އެދެވޭ ނަތީޖާތަކެއް ފެނިގެން އެބަދޭ. ދަރިވަރުންގެ ކިޔެވުމަށްވެސް ހެޔޮ ބަދަލުތަކެއް އެބައާދޭ. ދަރިވަރުން ގަޑިއަށް އަންނަންފަށާއި ފިލާވަޅުތަކަށްވެސް ސަމާލުކަން ދޭ. މި ޕްރޮގްރާމަކީ ބެލެނިވެރިން ގަޔާވާ ރަށަށް އިޤްތިޞާދީ ގޮތުންވެސް ފައިދާތަކެއް ކުރޭ." އެޑިއެކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވިއެވެ.

މި ސަރުކާރުން ކާމިޔާބުކަމާއެކު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ބައިވެރިކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ތެރޭގައެވެ. އޭގެ ކުރިން ފެށި ޕައިލެޓް ޕްރޮގްރާމް ފުރަތަމަ ޓާމުގައި ފަށާފައިވަނީ ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުގެ 25 ސްކޫލެއްގައެވެ. އެއީ މާލޭގެ 3 ސްކޫލަކާއި ވިލިމާލޭގެ 1 ސްކޫލާއި ހުޅުމާލޭގެ ސްކޫލެއްގެ އިތުރުން ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލުގައެވެ.

ހެނދުނުގެ ނާސްތާ ޕްރޮގްރާމް ހިންގުމަށްޓަކައި މި އަހަރުގެ ނިޔަލަށް 148.1 މިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް ލަފާ ކުރިނަމަވެސް ފުރަބަންދުގެ ހާލަތާ ގުޅިގެން ސްކޫލަށް ދަރިވަރުން ނުދިއުމާއެކު މިހާރު މިއަހަރުގެ ނިޔަލަށް ހިނގާނެ ޚަރަދުކަމަށް ލަފާކޮށްފައިވަނީ 116.1 މިލިޔަން ކަމަށް އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައިވެއެވެ.

މި ޕްރޮގްރާމް މިހާރު ހިނގަމުން އަންނަ ގޮތަށް ބަލައި، މި ޕްރޮގްރާމުގެ ޚަރަދުތައް މުރާޖައާކުރުމާއި ޓާގެޓްކޮށްގެން ދިނުމުގެ މަސައްކަތްތައް ކުރަމުންދާކަން ސަރުކާރުން ހާމަކުރައްވައެވެ. އެގޮތުން ނާސްތާ ޕްރޮގްރާމް ބަދަލުތަކަކާއެކު އިތުރަށް ހަރުދަނާކޮށް، އެފިޝަންޓްކޮށް 2021 ވަނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބަޖެޓްކޮށްފައިވެއެވެ.