ޚަބަރު

ކިޔަވައިދިނުމާއި ޢިލްމީ ދިރާސާ ކުރުމުގެ ފެންވަރާއި މެދު ބަޔަކު ސުވާލު އުފައްދަން ޖާގަ ނުދީ


ކިޔަވައިދިނުމާއި ޢިލްމީ ދިރާސާ ކުރުމުގައި ފެންވަރު ދަށް ނުވަތަ ފެންވަރާ މެދު ބަޔަކު ސުވާލު އުފައްދަފާނެވަރުގެ ކަމަކަށް ޖާގަ ނުދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ގޮވާލައްވައިފިއެވެ.

މިނިސްޓަރަ މިފަދައިން ގޮވާލެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2021 އިން 2025 އަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހް ކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ޤައުމީ ޔުނިވަރިސިޓީއަކީ ޤައުމުގެ ތަރައްޤީއަށް ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ޔުނިވަރިޓީއެއްކަމަށާއި މިހާތަނަށް 73000 އަށް ވުރެ ގިނަ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދީފައިވުމަކީ ޤައުމުގެ ކުރިއެރުމަށް އެ ޔުނިވަރސިޓީގެ މުހިއްމުކަން އަންގައިދޭކަމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދޭ ކޯސްތަކުގެ ފެންވަރު ދަށްވެދާނެ ފަދަ ކަމެއް ސަރުކާރުން ނުކުރާނެކަމަށާއި އެހެންނަމަވެސް ކޯސްތައް ފަރުމާކުރާއިރު ފެންވަރު ހިފެހެއްޓުމުގެ އިތުރަށް ރެގިއުލޭޓް ކުރާ ފާރާތްތަކުގެ މަޝްވަރާ ހޯދުމަކީ މުހިއްމުކަމެއްކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ މުޖުތަމައުގެ އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމަށް ޤައުމީ ޔުނިވަރސިޓީއަށް މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

"ސިޔާސީ މީހުން ކަންކަން ނިންމާއިރު ފަންނީ މީހުންގެ ދިރާސާގެ މައްޗަށް ނިންމުމަކީ މުހިއްމުކަމެއް. އެކަން ފެންނާނެކަމަށް އުއްމީދުކުރަން. އޭރު ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފަސޭހަވެގެންދާނެ. އެދުވަސް އަވަސް މުސްތަޤްބަލެއްގައި ފެންނާނެކަމަށް އުއްމީދުކުރަން." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރުދުވަހަށް އެމްއެންޔޫއިން ހާސިލް ކުރަން ބޭނުންވާ ކަންކަން އެކުލަވާލާ އިފްތިތާޙް ކުރި އެކްޝަން ޕްލޭންގައި މައިގަނޑު 10 ކަމެއް ހިމަނާފައިވެއެވެ. ތަޢުލީމީ ގޮތުން ދިރާސާކުރުމާއި ނަމޫނާ ދެއްކުން ހިމެނެއެވެ. މީގެ އިތުރުން ދިވެހި ވަންތަކަށް އިސްކުރުމާއި ފެންވަރު ރަނގަޅު މުވައްޒަފުން ހޯދުމާއި ދެމެހެއްޓެނިވި ގޮތުގައި ފައިސާގެ ކަންކަން ކުރުމާއި އެންމެން ބައިވެރިވާގޮތަށް ހިންގުން ހަރުދަނާ ކުރުންމުގެ ކަންކަންވެސް މި ޕްލޭންގައި ހިމަނާފައިވެއެވެ. އަދި މި އަމާޒަށް ވާޞިލްވުމަށްޓަކައި 100 އަށްވުރެ ގިނަ އުކުޅުތައްވެސް މި އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވެއެވެ.