ޚަބަރު

ރާއްޖޭގައި މުސްލިމް ވޯލްޑް ލީގްގެ އޮފީހެއް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


ރާއްޖޭގައި މުސްލިމް ވޯލްޑް ލީގްގެ އޮފީހެއް ހުޅުވުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ޤާއިމްކުރުމާ ބެހޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދާއި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން އަބްދުލްކަރީމް އަލް އީސާ މަަޝްވާރާކުރައްވައިފިއެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ 47ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ކުރައްވާ ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދާއި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން އަބްދުލްކަރީމް އަލް އީސާ، ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަނީ ރާއްޖެއާއި މުސްލިމް ވޯލްޑް ލީގާއި ދެމެދު ފާއިތުވި އަހަރުތަކުގައި އޮތް ގާތް ބަދަހި ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގެ ވެރިރަށް މާލޭގައި ކުރިއަށްދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލާ ޙިއްސާކުރައްވައި، 2 ޙަރަމްގެ ޚާދިމް، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ދީލަތި އެހީފުޅާއެކު ކުރިއަށްދާ މި މަސައްކަތް ނިމުމުން އެ މިސްކިތް ވެގެންދާނީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތަށްކަމަށާ، އެމިސްކިތް ވެގެންދާނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކަށް ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލު ބައިވެރިވެވަޑައިގަތެވެ.