ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަނެއްކާވެސް ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ގޮވާލެއްވީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ. އެމަނިކުފާނުގެ ޓުވީޓުގައި ފަލަސްތީނުގައި އަމަންއަމާންކަމާއި، އިންސާފު ޤާއިމުކޮށް، މިނިވަން ދައުލަތެއް ހޯދުމަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނު ސަރުކާރާއެކު ދެމިތިބޭނެކަން ވަނީ ހާމަކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ތަޙައްމަލުކުރަންޖެހިފައިވާ ހިތްދަތިކަމާއި ދިރިއުޅެމުންދާ ދަތި އުނދަގޫ ޙާލަތު ބަދަލުކޮށް، ފަލަސްތީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން ރައިސް ވަނީ ތަކުރާރުކުރައްވާފައެވެ.
މިމަހުގެ 27 އިން 28ހަށް ކުރިއަށް ގެންދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 47 ވަނަ ބައްދަލުވުމުގައިވެސް ރާއްޖެއިން ވަނީ ފަލަސްތީނުގެ މިނިވަން ދަޢުލަތުގެ ވެރިރިރަށަކީ އިރުމަތީ ޤުދުސްކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން ތަކުރާރުކުރައްވާފައެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މެދުއިރުމަތީގެ ސުލްހައަށް ދިވެހިން ކުރާ އުއްމީދު ގުޅިފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދުތަކާއި ކަމަށްވެސް ވިދާޅުވެފައެވެ. ރާއްޖެއިން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައިވެސް ވަކާލާތު ކުރަމުންނެވެ.