ތަޢުލީމު

މުދައްރިސުންގެ ފެންވަރު މަތި ކުރުމަކީ ސަރުކާރުގެ ލަނޑުދަނޑިއެއް


އަންނަ އަހަރުން ފެށިގެން، ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ޑިޕްލޮމާއިން މަތީގެ ފާހެއް އޮތް މުދައްރިސަކަށް ވެގެންދާނެކަމަށް ތަޢުލީމާއިބެހޭ ވަޒީރު ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައިއެވެ. މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ ކޮންމެ މުދައްރިސަކީ ޑިޕްލޮމާއިން މަތީގެ ފާހެއް އޮންނަ މީހަކަށް ހެދުމަށް ކުރެވޭ މަސައްކަތަކީ މުދައްރިސުންގެ ހައިބަތާއި ޤަދަރު އުފުލުމަށް ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ގެ ތެރެއިން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިއެއްކަމަށެވެ. އެގޮތުން މިކަން ހާސިލް ކުރެވުމުން ދަރިވަރުންނަށްދެވޭ ތަޢުލީމުގެ ފެންވަރު ހަނގަޅުވެ، ދަރިވަރުން ހާސިލްކުރާ މިންވަރު އިތުރުވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމަސައްކަތްތަކާއި އެކު މުދައްރިސުންގެ ކިޔަވައިދިނުމުގެ އާއުކުޅުތަކަށް ވެސް މުދައްރިސުން އަހުލުވެރި ކުރަން ޖެހޭކަން މިނިސްޓަރގެ ޚިތާބުގައި ފާހަގަ ކުރެއްވިއެވެ. "އުނގަންނައިދިމުގެ މަސައްކަތް ޒަމާނީކޮށް އިންޤިލާބީ ބަދަލަކަށް އަޅުގަނޑުމެން މަސައްކަތް ކުރާއިރު މުދައްރިސުން ޢިލްމީގޮތުން ކުރިއަށް ވަޑައިގަތުމަށް ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ. ހާއްސަކޮށް ހިދުމަތުގައި ތިއްބަވާ މުދައްރިސުންގެ ފެންވަރުމަތިކޮށް ކިޔަވައިދިނުމުގެ އައު އުކުޅުތަކަށް އެބޭފުޅުން އަހްލުވެރިކުރުވަން ޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.މުދައްރިސުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެމަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އޮކްޓޯބަރ މަހުގެ ފަސްވަނަދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކުގައި ގިނަ ހަރަކާތްތަކެއް ގެންދަނީ ހިންގަމުންނެވެ.