ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން މުދައްރިސުން އެކުދިންގެ ގެއަށް


އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމަކީ މި ސަރުކަރުގެ އަމާޒެކެވެ. މި އަމާޒާށް ވާޞިލްވުމަށްޓަކައި މުޅިން އަލަށް އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ވަނީ ޑިޕާޓްމަންޓް އޮފް އިންކުލޫސިވް ޑިޕާޓްމަންޓެއްވެސް އުފައްދާފައެވެ. އަދި މިހާރު މިވަނީ ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމަށް ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި 2021 އިން 2025 އަށް ހާސިލްކުރަން ބޭނުންވާ ކަންކަން އެކުލަވާލައި ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލާފައެވެ.

ކިޔެވުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށްޓަކައި މުހިއްމު ކަންތައްތައްކެއް ހިމަނައިގެން 2013 ވަނަ އަހަރުގައި ވަނީ ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތެއް އެކުލަވާލާފައެވެ. އެހެންނަމަވެސް އެ ސިޔާސަތަށް އިސްލާހްތަކެއް ގެނެސް އަނެއްކާވެސް އެކުދިންނަށް ފުރިހަމަ ތަޢުލީމެއް ފޯރުކްދިނުމަށް މިވަނީ ސިޔާސަތެއް އެކުލަވާލާފައެވެ. މިގޮތުން އިސްލާހް ގެނެސްފައިވާ ސިޔާސަތަށް ބަލާއިރު އެ ސިޔާސަތުގައި ވަނީ އެފަދަ ކުދިންނަށް ކިޔަވައިދޭއިރު އެކުދިންގެ ހުނަރުތަކުގެ މައްޗަށް ބަލައި ކިޔަވައިދިނުމަށް އެކުލަވާލާފައެވެ. ކިޔަވައިދިނުމުގެ ވައްޓަފާޅި އާއި ކިޔަވައިދިނުމުގައި ސްކޫލުގެ މުދައްރިސުންގެ އިތުރަށް ސްކޫލްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތްކުރުމަށްވެސް އިސްލާޙް ކުރި ސިޔާސަތުގައި ވަނީ ހިމަނާފައެވެ.

ބައެއްފަހަރު ޚާޢްސަ އެހީއަށް ބޭނުންވާ ކުއްޖާ ސްކޫލަށް ގޮސް ކިޔެވުމުގެ މާހައުލެއް ނެތުމުގެ ސަބަބުން އެކުދިންނަށް ވަނީ ކިޔެވުމުން މަހުރޫމްވާން ޖެހިފައެވެ. އެހެންނަމަވެސް މި ސިޔާސަތުގެ ދަށުން ސްކޫލަށް ނާދެވޭ ހާލަތުގައިވެސް މުދައްރިސުން ގެއަށް ގޮސްގެން އެކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމަށް ހިމަނާފައިވެއެވެ.

ސްކޫލަށް އާދެވޭ ކުދިންގެ ތެރެއިން އެހެން ކުދިންނާ އެކު ނޫޅެވޭ ކުދިންނަށް ބޭނުންވާ މުހިއްމު ކަންކަން ދަސްކޮށްދިނުމާއި ވީހަވެސް ޅަފަތުގައި ކިޔަވައިދިނުމަށް މި ސިޔާސަތުގައި ބާރުއަޅުމުގެ އިތުރުން އެފަދަ ކުދިންގެ ހުނަރަށް ބެލުމަށްފަހު އާއްމު ކްލާހެއްގައި ކިޔަވައިދިނުމަށްވެސް ސިޔާސަތުގައި ހިމަނާފައިވެއެވެ.

ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަނުން 2021 ން 2025 ށް ކުރިއަށް ގެންދަން ޖެހޭ ޙަރަކާތްތަކާއި އެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ތަރުތީބު ކުރާނޭ މައިގަނޑު ކަންކަން ހިމަނާ ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އިފްތިތާހްކޮށްފައެވެ. މި އެކްޝަން ޕްލޭންގައި 2025 ވަނަ އަހަރު އަންނަންވާއިރަށް ހާސިލްކުރަންބޭނުންވާ 7 ކަމެއް ހިމަނާފައިވައެވެ.

މިގޮތުން 2025 ވަނަ އަހަރު އަންނާންވާއިރަށް ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގެ ސިޔާސަތުގެ 40 އިންސައްތައިގައި "ހުރިހާ ކުދިން ޝާމިލްވުމުގެ ސިޔާސަތު" ހިމެނުން ހިމެނެއެވެ. ސްކޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީގައި މި ސިޔާސަތު އިތުރަށް ތަރައްޤީކުރުމާއި މުދައްރިސިުންގެ އިތުރަށް މިފަދަ ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިިދނުމުގައި ސްކޫލްގެ އެންމެން ޝާމިލްކުރުމުގެ 60 އިންސައްތަ ހާސިލް ކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި އެކްޝަން ޕްލޭންގައި ވަނީ ސްކޫލްތަކުގެ އިތުރުން ކޮލްޖް ޔުނިވަރސިޓީތަކުގައިވެސް މިފަދަ ކުދިންނަށް ކިޔެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އަޒުމް ކަނޑައަޅާފައެވެ. މީގެ އިތުރުން މިދާއިރާއިން އިތުރަށް މީހުން ބިނާކުރުމާއި އެކަކަށް ލިބިފައިވާ މަޢުލޫމާތުތަކާއި ތަމްރީންތައް އަނެކާއަށް ފޯރުކޮށްދިނުން ފަދަ މުހިއްމު ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމަުން އިންކްލޫސިވް އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރ ޖެނަރަލް އަހުމަދު އާޠިފް ވިދާޅުވީ މިހާރުވެސް ކިޔެވުމުގައި ޚާއްސަ އެހިއަށް ބޭނުންވާ ކުދިންނށް ކިޔަވައިދިނުމުގައި ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި މި ސިޔާސަތާއި ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވާ ކަންތައްތައް ހާސިލްވެއްޖެނަމަ އިތުރު ކާމިޔާބުތަކެއް ލިބިގެންދާނެކަމަށެވެ.

އަދި އަމާޒަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ދަރިވަރުންނަށް އެންމެ ފުރިހަމަ ތަޢުލީމެއް ފޯރުކޮށްދިނުންކަމަށެވެ.

ކޮންމެ ކުއްޖަކަށް އެންމެ އެކަށިގެންވާ ތަޢުލީމެއް ފޯރުކޮށްދިނުމަކީ މުހިއްމުކަމަކަށް ވާއިރު މިކަމުގައި ހުރިހާ ކުދިން ޝާމިލް ކުރުމަކީ މުހިއްމުކަމެކެވެ. އެއީ ކުޅެދޭ ކުއްޖަކަށްވިނަމަވެސް ނުކުޅެދޭ ނުވަތަ ޚާއްސަ އެހީއަށް ބެނުންވެފައިވާ ކުއްޖަކަށް ވިނަމަވެސް ހެވެ. ޚާއްސަކޮށް ސްކޫލް މާހައުލުންނާއި އެހެނިހެން ގޮތްގޮތުންވެސް ތަޢުލީމް ފޯރުކޯށްދޭންޖެހެއެވެ.

އުފެދުމުގައި ޚާއްސައެހީއަށް ބޭނުންވާ ކުދިންވެސް ރާއްޖޭގެ އެކި ސްކޫލްތަކުގައި ތަޢލީމް ފޯރުކޮށްދެމުން އާދެއެވެ. ހުރިހާ ކުދިން ޝާމިލް ކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތުގެ ދަށުން އެފަދަ ކުދިންނަށް ޚާއްސަ ކުލާސްރޫމްތައް ހެދުމާއި އެކުދިންނަށް ޚާއްސަ މުދައްރިސުން ތަމްރީން ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވައެވެ.