ސިޔާސީ

މައުމޫނަށް ޕާޓީގެ ރައީސްކަންގެއްލޭ އިސްލާހަށް ވޯޓުނުދޭނެ-ޕީޕީއެމް


ސިޔާސީ ޕާޓިތައް ހިންގުމުގެ އިސް މަޤާމްތަކަށް އައްޔަންކުރާ ފަރާތްތަކުގެ އެންމެ މަތީ އުމުރަކީ  65އަހަރުކަމަށް ކަނޑައެޅުމަށް ހުށައަޅާފައިވާ އިސްލާހަށް ތާއީދުނުކުރުމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުން ނިންމައިފިއެވެ.ސަރުކާރު ހިންގާ މައި ޕާޓި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެބިލް ބަލައި ނުގަތުމަށް ތްރީލައިން ވިޕެއް ވަނީ ނެރެފައެވެ. އެގޮތަށް ފާސްކޮށްފައިވަނީ އެބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނަށް ހުށައެޅި އެއިސްލާހުގެ ބަހުސް އަދި މަޖިލީހުގައި ފަށާފައެއްނުވެއެވެ.އެއިސްލާހު ފާސްކޮށްފިނަމަ، ޕީޕީއެމްގެ ރައީސްކަމުގެ މަގާމު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް  ގެއްލޭނެއެވެ.ސިޔާސީ ޕާޓިތަކާ ބެހޭ ގާނޫނަށް އަލީ އާޒިމް ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ، ދައުލަތުގެ އެންމެމަތީ ވެރިޔާގެ އެންމެ މަތީ އުމުރަކީ 65 އަހަރުކަމުގައި ކަނޑައަޅަފައިވާތީ، ސިޔާސީ ޕާޓީތަކުގެ ހިންގުމުގެ އިސް މަޤާމްތަކަށް އައްޔަންކުރާ ފަރާތްތަކުގެ އެންމެ މަތީ އުމުރަކީވެސް 65 އަހަރުކަމަށެވެ.ޕާޓީތަކުގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާލިމެންޓްރީ ގްރޫޕްތަކުން ނެރޭ ތްރީލައިން ވިޕާއި އެއްގޮތަށް މަޖިލީހުގައި ވޯޓްދިނުން އެޕާޓީގެ މެމްބަރުންނަށް ލާޒިމްވާނެއެވެ.